ޚަބަރު

ސީއެމްސީއޭއާއި ޗައިނާގެ ޝަންޑޮންގއާ ދެމެދު ސަގާފީ މައުލޫމާތު ބަދަލުކުރުމާއި ގުޅޭ އެއްބަސްވުމެއް ގާއިމްކޮށްފި


  • މިއެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ޝަންޑޮންގގެ ސަޤާފީ ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބޭނެ

ޗަައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިން ޗައިނާގެ ޝަންޑޮންގްގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއެކު ސަގާފީ މައުލޫމާތު ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއާއި ޗައިނާއާ ދެމެދު ސަގާފަތާއި އެކުވެރިކަން ދެމެހެއްޓުމަށް މަޝްވަރާ ކުރެއްވުމަށް މާގިރި ހޮޓެލްގައި މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، ސީއެމްސީއޭއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ޝަންޑޮންގ ޕްރޮވިންސްގެ އެޑިއުކޭޝަން އެންޑް ކަލްޗަރަލް އެކްސްޗޭންޖް ސެންޓަރުގެ ފަރާތުންނެވެ.

މިއެއްބަސްވުމަކީ، ދެ ޤައުމުގެ ޒުވާނުންގެ މެދުގައި ސަޤާފީ ގުޅުން ޤާއިމްކޮށް، މައުލޫމާތު ބަދަލުކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ސީއެމްސީއޭން ހާމަކުރެއެވެ. އެޖަމްޢިއްޔާއިން ބުނީ، މިއެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ޗައިނާއަށް ޒިޔާރަތްކޮށް، ޝަންޑޮންގގެ ސަޤާފީ ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ސީއެމްސީއޭގެ ފައުންޑަރ އަދި ޗެއަރމަން މުޙައްމަދު ރަޝީދު ވިދާޅުވީ، ޝަންޑޮންގް އާއި ދެމެދު ގުޅުން ބަދަހިވެގެން ދިއުމަކީ، ރާއްޖޭގެ ދަރިވަރުންނަށާއި އެއެސޯސިއޭޝަނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

"މިމަޝްވަރާތަކުގެ އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން މި ފާހަގަކޮށްލަނީ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއެޝަން ޝަންޑޮންގގެ ކެޕިޓަލް ސިޓީކަމަށްވާ، ޖީނާންގަ އަޅުގަނޑުމެންގެ ރެޕްރެޒެންޓެޓިވް އޮފީހެއް ހުޅުވިއްޖެ، ދެން މި އޮފީހުގެ އެންމެ މުހިންމު ކަމަކަށްވާނީ ސީއެމްސީގެ މިދިޔަ ނުވަ އަހަރު ކުރި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެޅޭ ވަރަށް ބޮޑު ބާރަަކަށް ވުން " މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސަގާފަތާއި އެކުވެރިކަން ދެމެހެއްޓުމަށް މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ދިވެހި ދަރިވަރުން ވަނީ ޗައިނާގެ ސަގާފަތާއި ބެހޭގޮތުން ސުވާލުކޮށް ޗައިނާ ވަފުދުގެ ފަރާތުން މައުލޫމާތު އޮޅުންފިލުވާފައެވެ.

2015 ވަނަ އަހަރު ވުޖޫދަށް އައި ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދު ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުސަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަގައިގެން ހިންގާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން ވަނީ ދިވެހި ޒުވާނުންނަށް ޗައިނާގައި ކިޔެވުމުގެ ފުރުސަތު ވެސް ހޯދާދީފައެވެ.