ޚަބަރު

ޖަރުމަނުން ވަރަށް މޮޅަށް ކުޅެގެން ނޫނީ ޑެންމާކް ބަލިނުކުރެވޭނެ: ޔޫލްމަން


"
އަހަރެމެން މި ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން، މެޗު ކުޅެން މި ތިބީ ކެތްމަދުވެފަ.
ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން ބުނީ، ޖަރުމަނުގައި ހުނަރާއި، ކޮލިޓީ ވެސް އެބަހުރި ކަމަށާއި، ގްރޫޕް ސްޓޭޖުގައި ވެސް އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެކަމަކު، ޑެންމާކް ޓީމުގައި ވެސް ހުނަރާއި ކޮލިޓީ ހުރުމާއެކު، ޖަރުމަނުން ވަރަށް މޮޅަށް ކުޅެގެން ނޫނީ އޭނާގެ ޓީމުގެ މައްޗަށް ގަދަވެ ނުގަނެވޭނެ ކަމަށެވެ.

ޔޫލްމަން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީ އުނދަގޫ ގްރޫޕަކުން ކަމަށާއި، ގަދަ 16 ގެ ބުރުގައި ޖަރުމަނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޑެންމާކުން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި، އެ މެޗު ކުޅެން އޭނާގެ ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށް ވެސް ޔޫލްމަން ބުންޏެވެ.

މުބާރާތް ފެށުނީއްސުރެ އޭނާ ދެކުނީ ޖަރުމަނަކީ އެއް ފޭވަރިޓެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ކުރިއަށް އޮތް މެޗުގައި އެމީހުންނާ ވާދަކުރަންޖެހުން ރަނގަޅުނޫން ނަމަވެސް، އެ ބޮޑު މެޗުގައި ޖަރުމަނަށް ފަސޭހަނުކުރާނެ ކަމަށް ވެސް ޔޫލްމަން ބުނެފައިވެއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ޑެންމާކްގެ ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަމަށާއި، ޖަރުމަނާ ދެކޮޅަށް ކުރިއަށް އޮތް މެޗަކީ އަވޭ ގޭމްއެއްގެ ގޮތުގައި ސިފަ ވިޔަސް އޭނާގެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އެންމެ ރަނގަޅަށް އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ޔޫލްމަން ވަނީ ބުނެފައެވެ.

މެޗާ ބެހޭގޮތުން ޑެންމާކްގެ ޑިފެންޑަރު، ޔަނިކް ވެސްޓަގާޑް ބުނީ، ޑެންމާކަށް މުބާރާތް ކާމިޔާބުކުރުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުނުކުރިނަމަވެސް އޭނާގެ ޓީމަށް އެކަމުގައި މާބޮޑު ފަރުވާލެއް ނެތް ކަމަށާއި، މެޗުގައިވެސް ޖަރުމަނަކީ ފޭވަރިޓަށްވިޔަސް އެ ޓީމަށް ފަސޭހަ ނުކުރާނެ ކަމަށާއި، ޑެންމާކުން ދޫ ނުދޭނެ ކަމަށާއި، އެންމެ ރަނގަޅަށް ކުޅޭނެ ކަމަށެވެ.

ޖަރުމަނަކީ މޮޅު ޓީމެއް ކަމަށާއި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭތީވެ، ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އެ ޓީމަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބޭނެ ކަމަށެވެ. އެހެންކަމުން ޑެންމާކަށް ފަސޭހަނުވާނެ ކަމަށާއި، އެކަމަކު އެ ޓީމުން ނިކުންނާނީ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ކަމަށް ވެސްޓަގާޑް ބުންޏެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ޖަރުމަނާ ދެކޮޅަށް ޑެންމާކް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.