ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކަށް ވަޑައިގެން އެންމެ ފުރަތަމަ ފަލަސްޠީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރާއި ބައްދަލުކުރައްވައިފިއެވެ.
ވަޒީރު މޫސާ ޒަމީރު މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ވޮޝިންޓަނަށެވެ. އޭގެ ފަހުން ނިއުޔޯކަށް އީއްޔެގެ ވަގުތެއްގައި ވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ފަލަސްޠީނުގެ ސަފީރާއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން ފަލަސްޠީނު އަޙުންނާއި އުޙުތުންނާއެކު އަބަދުވެސް ތިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ ބައިވެރިއެއް ގޮތުގައި އޮންނާނެ ކަމަށާއި އދ.ގެ ފުރިހަމަ މެންބަރު ޤައުމަކަށް ފަލަސްޠީނު ހެދުމަށްވެސް ރާއްޖެއިން މިހާރެކޭ އެއްގޮތަށް ދެމުންދާ އެއްބާރުލުން ދަމަހައްޓާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު މި ބައްދަލުވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ޔަހޫދީ ދައުލަތުން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާމް ހުއްޓާލުމަށާއި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލާ ގޮވުން ވަނީ ތަކުރާ ކުރައްވާފައެވެ.
ފަލަސްޠީނުން އދ.ގެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ނިއު ޔޯކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތަރޭޝްއާއި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.