ޚަބަރު

މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި ގައިދީއަކު މަރުވެއްޖެ


  • މަރުވެފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުންދިޔަ މީހެއް

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދަޅުވީ، މަރުވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލް ކަމަށެވެ.

މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާކަމަށާއި، އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށިކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ. އަދި 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ކަމަށްވެސް ކަރެކްޝަންސްއިން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، އޭނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްކަމަށެވެ. އަދަި ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން ދިޔަ މީހެއްކަމަށެވެ.

މުޙައްމަދު ޖަމީލް މަރުވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.