ހާހަކަށްވުރެ ގިނަ ބައިވެރިންނާއެކު ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް މާދަމާ ފަށާނެކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތަކުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ.
މިފަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުން 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 ބައިވެރިން ވާދަކުރެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައިކަމަށާއި އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށްދާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންކަމަށާއި އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެކަމަށް ޤުރުއާނާ ބެހޭ ޤާއުމީ މަރުކަޒުން ވިދާޅުވިއެވެ. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑެވެ.
ޤުރުއާނާއި ބޭހޭ ޤައުމީ މަރުކަޒުން ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހުކަމަށެވެ. އެގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ވަނީ ކިޔެވުން ތާވަލު ކޮށްފައެވެ. މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާކަމަށް އެމަރުކަޒުން ވިދާޅުވިއެވެ.
މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ވަނީ މިފަހަރު ހަމަޖައްސާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމުގެ އިތުރުން އެކަމަށް ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.