ޚަބަރު

މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ރާއްޖެއިންކުރަނީ ތައުރީފު ޙައްޤު މަސައްކަތްތަކައް: ގުތެރޭޝް


  • މި ބައްދަލުކުރެއްވުން އޮތީ އދގެ މައި އޮފީހުގައި

  • ވަޒީރުވަނީ ސަރުކާރުގެ ސިޔާސަތުތައް ހިއްސާކޮށްފައި

  • ފަލަސްތީނު މަންދޫބާވެސް ވަޒީރުވަނީ ބައްދަލުކުރައްވާފައި

މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ޤައުމުތައް އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަތަކަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ ތައުރީފްކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ ބައްދަލުކުރައްވާފައެވެ.

އދގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޚާރިޖީވަނީ މޫސާ ޒަމީރުވަނީ ރައީސުލްޖުމްހުއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުންވާ ސިޔާސަތުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމްކުރުމުގައި އަދި ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި އދގެ ރޯލު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްވަނީ ދާދިފަހުން ބޭއްވި އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ދަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސްގެ ބައްދަލުވުމުގައި ރާއްޖެއިން އަމިއްލައަށް އިސްނަގައިގެންކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި، މި ބަދަލުތަކުން ޖަޒީރާ ގައުމުތަކަށްވަމުންދާ ގެއްލުންތަކަށް މާލީ އެހީ ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ސެކްރެޓަރީ ޖެނެރަލްވަނީ ތައުރީފްކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސެކެރެޓަރީ ބައިލެޓަރަލް ޑރ. ޙާލާ ހަމީދާއި، ސީނިއަރ އަންޑަރސެކެޓްރީ ޙަސަން ޙުސައިން ޝިހާބްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު މޫސާ ޒަމީރު ނިއު ޔޯކަށް ކުރައްވާ ދަތުރުފުޅުގައިވަނީ ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާވެސް ބައްދަލުކުރައްވާފައެވެ. ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ އެކު އދ. ގެ ދާއިމީ މެމްބަރެއްގެ ދަރަޖަ ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭން ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.

މީގެއިތުރުން ވަޒީރު ވަނީ ނިއު ޔޯކާއި ނިއު ޖަރޒީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައެވެ. އަދި ނިއު ޔޯކްގައި އުޅޭ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާވެސް ވަޒީރުވަނީ ބައްދަލުކުރައްވާފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅު ފައްޓަވާފައިވަނީ އެމެރިކާގެ ވެރިރަށް، ވޮޝިންގްޓަން ޑީސީންނެވެ. ވޮޝިންގްޓަންގައި އެމަނިކުފާނު ވަނީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އަސްކަރީ ނިޒާމު ހަރުދަނާކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރުން އިޤުތިޞާދު ކުރިއެރުވުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ހަމައެއާއެކު އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.