ޚަބަރު

ސްލޮވާކިއާ މެޗު ފަސޭހައެއް ނުވާނެ: ބެލިންހަމް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްލޮވާކިއާ އާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން، އިންގްލެންޑްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ވަނީ، ކުޑަ ގައުމަކާ ދެކޮޅަށް ނިކުންނަންޖެހޭތީވެ، ފަސޭހަވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށާއި، މި ފަހަރުގެ މުބާރާތުގައި ވެސް މިހާތަނަށް ކުދި ގައުމުތަކުން ރަނގަޅު ނަތީޖާތައް ހާސިލްކޮށްފައިވުމުން ސްލޮވާކިއާ އާ ދެކޮޅަށް ކުޅޭ ފަސޭހަވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ބުނެފައެވެ.

ބެލިންހަމް މިހެން ބުނީ ބުރާސްފަތި ދުވަހު ދިން އިންޓަވިއު އެއްގައެވެ.

"ގިނަ ބަޔަކަށް ހީވަނީ ސްލޮވާކިއާ އާ ކުޅެންޖެހޭތީވެ، އެއީ ފަސޭހަ މެޗަކަށް ވާނެ ކަމަށް." ބެލިންހަމް ބުންޏެވެ.

އެހެން އެ ބުނާ ގޮތަށް ސްލޮވާކިއާ މެޗު ފަސޭހަނުވާނެ ކަމަށާއި، އެ ޓީމުގެ ފަރާތުން ކުރިމަތިލާންޖެހެނީ މުޅިން ތަފާތު، އުނދަގޫ ގޭމެއް ކަމަށާއި، އެމީހުންނާ ކުޅެން ފަސޭހަ ނުވާނެ ކަމަށް ބެލިންހަމް ބުންޏެވެ.

އަދި މުބާރާތުގެ ނޮކްއައުޓް ބުރު ފެށޭ ހިސާބުން ދެން ކުރިމަތިލާންޖެހޭނީ އުނދަގޫ މެޗުތަކާ ކަމަށް ވެސް ބެލިންހަމް ބުނެފައިވެއެވެ.

ސްލޮވާކިއާ އިން މި ފަހަރުގެ މުބާރާތް ފެށީ ގްރޫޕް އީ ގެ ފޭވަރިޓް ބެލްޖިއަމްގެ މައްޗަށް 1-0 އިން ހޯދީ މޮޅާއެކު އެވެ. އެ ޓީމުން ގަދަ 16 ގެ ބުރަށް ދަތުރުކުރީ އެ ގްރޫޕުގެ ތިންވަނަ ހޯދައިގެން، އެންމެ ރަނގަޅު ނަތީޖާ ހޯދީ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

މުބާރާތުގައި މިހާތަނަށް ސްލޮވާކިއާ ދެއްކި ކުޅުމާ ބެހޭގޮތުން އެ ޓީމުގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ވަނީ މަޖާޒީގޮތަކަށް އޭނާގެ ޓީމަކީ، ޔޫރޯގެ ގްރޫޕް ސްޓޭޖުގެ 'ސިންދްރެއްލާ ސްޓޯރީ' ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭނާ ދެއްކި ވާހަކައިގައިވަނީ ވަނީ، މި ފަހަރުގެ މުބާރާތުގައި ކުދި ގައުމުތަކުން ބޮޑެތި ކުރިއެރުން ހޯދާފައިވާ ކަމަށް ބުނެފައެވެ. މީގެއިތުރުން، ސްލޮވާކިއާ އިން ބޮޑެތި ގައުމުތަކަށް ނުރައްކާ ކުރެވިދާނެ ކަމަށް ވެސް ކަލްޒޯނާ ބުނެފައިވެއެވެ.