ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ކިޔައި، ޝުކުރު އަދާކޮށްފިއެވެ.
އެ ކޯލިޝަނުން ރައީސަށް ޝުކުރު އަދާކޮށްފައިވަނީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ޚަރަދު ކުޑަކުރެއްވުމަށް އެމަނިކުފާނު ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފައިވާކަން ހާމަކުރެއްވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެ ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަނެ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި އެކަން އިއުލާން ކުރެއްވީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެމަނިކުފާނު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ރައްޔިތުންނަށް އޭގެ ސަބަބުން މާބޮޑު ނޭދެވޭ އަސަރެއް ކުރާނެ ފިޔަވަޅުތަކަށް ނުވާނެކަން އެ ކޯލިޝަނުން ފާހަގަކުރިއެވެ.
އެގޮތުން ރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ޤައުމީ ވިސްނުމަކުން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމުގައި އެމަނިކުފާނާއެކު އެ ކޯލިޝަން ސާބިތުވެ ތިބޭކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހު ބާއްވާނީ ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ކަމަށެވެ. މިގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުއްވާމުންގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކާ ގުޅިގެން ވަޒީރުންނާއި ރައޔްިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް ދަނީ އެކަމުގެ މުހިއްމުކަން ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވަމުނެވެ.