ޚަބަރު

ޖަލު އޮފިސަރުން ރިޝްވަތު ހިފުމާއިގުޅޭ އޮޕަރޭޝަނުގައި 13 މުވައްޒަފުން ހައްޔަރުކޮށްފި


  • ޖަލަށް ތަކެތި ވެއްދުމުގައި އެހީވާކަމުގެ ތުހުމަތު 18 އޮފިސަރަކަށް ކުރޭ

  • 18 މުވައްޒަފުންގެ އެކައުންޓަށް 73.6 މިލިއަން ރުފިޔާ ވަނީ ޖަމާވެފައި

  • ފައިސާ ޖަމާކޮށްފައިވަނީ ގައިދީންގެ އެކައުންޓުތަކުން

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދަނީ މާފުށީ ޖަލުގައެވެ. އެގޮތުން، މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުޅުވީ އިންޓެލިޖެންސް ބޭނުންކޮށްގެން ހޯދި މައުލޫމާތުން 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ފައިސާ ޖަމާވެފައިވަނީ ގައިދީންގެ އެކައުންޓުތަކާުންނާއި ކުށުގެ ވެށީގައި ފާހަގަކުރެވޭ މީހުންގެ އެކައުންޓުތަކުން ކަމަށެވެ.

"އަޅުގަނޑުމެން އިތުރަށް މިކަން ބެލިބެލުމުން ފާހަގަކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި އަދި ކުރިންވެސް ހައްޔަރުގައި ތިބި ގައިދީންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވުނު" އޭސީޕީ ޝަރީފް ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވުނު 18 އޮފިސަރުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށެވެ. އޭގެ ތެރެއިން ހަ މީހަކު ވަޒީފާއިން ވަކިވެފައިވާ ކަމަށާއި މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ޝައްކުކުރެވެނީ މިކަންކަމުގައި ބައިވެރިވާން ކަމަށް. ސަބަބަކީ ކުށްކުރާ ފަރާތްތަކުގެ އެކައުންޓުން ޖަމާވެފައި އެބަހުރި. ޖަލުގައި ތިބި ގައިދީންގެ އެކައުންޓުން ޖަމާވެފައި އެބަހުރި. އެގޮތަށް ފައިސާ އާންމު ހާލަތުގައި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް،" ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި މިހާތަނަށް ކަރެކްޝަންސްގެ 13 މުވައްޒަފެއް ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކޮށްފައިވަނީ މާފުށިންނެވެ. ދެ މީހަކު ކ. ކާށިދޫން ހައްޔަރުކޮށްފައިވާއިރު މާލެއިންވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.