ޚަބަރު

އެސްޑީއެފް ބިލުން އެނގެނީ ޚިޔާނާތާއި ވައްކަން ހުއްޓުވުމުގެ ނިޔަތް ސަރުކާރުގެ އޮތްކަން: އަލީ ފަޒާދު


  • ބޭރުގެ ފަރާތްތަކުން ފަންޑު ދެކެނީ އާދައިގެ އެކައުންޓެއް ގޮތުގައި

  • ފަންޑަށް ޤާނޫނީ ބާރުވެރިކަން ލިބުމުން އިތުބާރު އުފެދޭނެ

ވެރިކަމުގެ ކުރީކޮޅު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފް ބިލު މަޖިލީހަށް ހުށަހެޅުއްވުމުން އެނގިގެންދަނީ ޚިޔާނާތާއި ވައްކަން ހުއްޓުވުމުގެ ނިޔަތް ސަރުކާރުގައި އޮތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ބާބު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު އަލީ ފަޒާދު ވިދާޅުވީ ރާއްޖޭގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް އޮތީ ނަމެއްގައި ކަމަށާއި ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބިލަކީ އިތުބާރު ކުރެވޭ ވަކި އުސޫލަކާއި ހަމަތަކުގެމަތިން ހިންގޭ ފަންޑެއްގެ ގޮތުގައި ދެމެހެއްޓުމަށް މުހިންމު ބިލެއް ކަމަށެވެ. އެފަންޑަށް މިހާރު ފައިސާ ޖަމާކުރިނަމަވެސް ފައިސާއަށް ޒިންމާވާނެ މީހުންނާއި ފަންޑު ބޭނުންކުރެވޭނެ ކަންކަން އަދި ރިޕޯޓިން ސިސްޓަމް ފަދަ ޤާނޫނީ އޮނިގަނޑެއް ނެތުމުން ބޭރުގެ ފަރާތްތަކުން ފަންޑު ދެކެނީ އާދައިގެ އެކައުންޓެއްގެ ގޮތުގައި ކަމަށްވެސް އަލީ ފަޒާދު ވިދާޅުވިއެވެ.

ޕިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓު ދަށްކޮށްފައިވަނީ ބޭރުގެ ދަރަނި ބޮޑުވެ ބޭނުންކުރެވޭ ބޭރު ފައިސާ ރާއްޖޭގައި މަދުވުމުންކަން ފާހަގަކުރައްވައި އަލީ ފަޒާދު ވިދާޅުވީ އެސްޑީއެފް ބިލުގެ އެންމެ ބޮޑު އެއް މަޤްސަދަކީ މާލީ ގޮތުން ރާއްޖެ ބާރުވެރިކުރުވުން ކަމަށެވެ. އަދި ފަންޑަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދިއުމުން ބޭރުގެ ފަރާތްތަކުންނާއި ރައްޔިތުން އެފަންޑަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ސަރުކާރުން މިބިލު ޤާނޫނެއްގެ ސިފައިގައި ގެންނަން ބޭނުންވާ އެންމެ ބޮޑު އެއް މަޤްސަދަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ރާއްޖޭގެ މުއްސަނދިކަން ދަމަހައްޓައި ރާއްޖޭގެ މިއޮތް ބޮޑު ދަރަނިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި މަގުތަކެއް ފަހިކުރުން،" މެންބަރު އަލީ ފަޒާދު ވިދާޅުވިއެވެ.

އަލީ ފަޒާދު ވިދާޅުވީ ސަރުކާރުގެ ކުރީކޮޅު މިބިލް މަޖިލީހަށް ހުށަހެޅުއްވުމުން ދޭހަވަނީ ޚިޔާނާތާއި ވައްކަން ހުއްޓުވައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން ސަރުކާރުން ބޭނުންވާކަން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މިބިލު ދިރާސާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ކޮމިޓީ މަރުހަލާގައި މާބޮޑު ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ނުފެންނަ ކަމަށް އަލީ ފަޒާދު ވިދާޅުވިއެވެ. އަދި އިތުރަށް އިސްލާހެއް ގެންނަނަމަ އެ އިސްލާހެއް ފެންނާނީ ތަންފީޒު ކުރަން ފެށުމުން ކަމަށްވެސް ވިދާޅުވިއެވެ.