ޚަބަރު

އިސްލާމް ދީނަށް ބަދުބަސް ބުނެ، ފުރައްސާރަ ކުރުމަކީ ސަމާސާ ކަމެއް ނޫން: ޚުތުބާ


  • ދީނުގައި ދަތި އުނދަގޫކަމެއް ނުލައްވާކަމަށް ޚުތުބާގައި ވިދާޅުވި

  • ދީނީކަންކަމަށް ފުރައްސާރަކުރާމީހުން އެކަން ހުއްޓާލާ ތައުބާވުމަށް ގޮވާލި

  • އިންޓަރނެޓުގައި ދީނީކަންކަން އޮޅޭ ގޮތަށް މައުލޫމާތުގެނެސްދޭ

އިސްލާމް ދީނަށް ބަދުބަސް ބުނެ، ދީނަށް ފުރައްސާރަ ކުރުމަކީ ސަމާސާ ކަމެއް ނޫންކަމަށާއި އެފަދަ އަމަލުތައްކުރާ މީހުން އެކަން ދޫކޮށް އަވަހަށް ތައުބާވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގެ މައުޟޫއަކީ "އިސްލާމްދީނަކީ މެދުމިނުގެ ދީން" މި މައުޟޫއެވެ.

މިއަދުގެ ޙުކުރު ޚުތުބާގައިވަނީ އިސްލާމް ދީނަކީ، މެދުމިނުގެ ދީންކަމަށާއި އެއީ އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، އަދި އެންމެ ލުއިފަސޭހަ ދީން ކަމަށެވެ. އަދި އިސްލާމް ދީނުގައި، ދަތި، އުނދަގޫ އެއްވެސް ކަމެއް ލައްވައިފައި ނުވާކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ.

އިސްލާމްދީނުގައި ދަތި އުނދަގޫ އެއްވެސް ކަމެއްލައްވާފައި ނުވާކަން، ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން ދަލީލުދައްކަވއި ޚުތުބާގައި ވަނީ މާތް ވެގެންވާ އިސްލާމްދީނަކީ މެދުމިނުގެ ދީންކަމުގައިވާ އިރު، އެދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށައިފާފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

މުޖުތަމަޢުތަކުގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރުމުގެ ފިކުރުކަމަށާއި އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެކަމަށާއި އެގޮތުން އެފަދަ މީހުންނާއި އެކު ކައިވެނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.

"އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫނެވެ. އެ ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވާން ގޮވައިލަމެވެ! الله سُبْحَانَهُ وَتَعَالَىއީ ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ" ޚުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ހަރުކަށިވެ ދީނުގައި އޮތް މެދުމިން ދޫކޮށް، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއްކަމަށް، ހަދީޘުން ދަލީލު ނަންގަވާ، ޚުތުބާގައި ވިދާޅުވިއެވެ.

"ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުން، އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫން" ޚުތުބާގައި ވިދާޅުވިއެވެ.

މަދުން ނަމަވެސް މިއަދު ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުންކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫންކަން ފާހަގަކުރައްވާ، އެ ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.