ޚަބަރު

ޖަލު އޮފިސަރުން ރިޝްވަތު ހިފުމާއި ޤާނޫނާ ޚިލާފުވުމުގެ ތުހުމަތުގައި ބޮޑު އޮޕަރޭޝަނެއް!


  • 18 އޮފިސަރެއްގެ އެކައުންޓަށް 73.6 މިލިއަން ރުފިޔާ ޖަމާވިކަން ހޯދުނު

  • ބައެއް އޮފިސަރުންގެ އެކައުންޓަށް 24 މިލިއަން ރުފިޔާއިން ޖަމާވެފައިވޭ

  • މި އޮޕަރޭޝަން ކުރިއަށްގެންދަނީ މާފުށީ ޖަލުގައި

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން އެހީވާތީ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށްދާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާނެވެ. ވަޒީރު ވިދާޅުވީ މާފުށީ ޖަލުގައި އެ އޮޕަރޭޝަން ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އިންޓެލިޖެންސް ބޭނުންކޮށްގެން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށެވެ. އެގޮތުން 24 މިލިއަން ރުފިޔާއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިތުރަށް މިކަން ބެލިބެލުމުން ފާހަގަކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި އަދި ކުރިންވެސް ހައްޔަރުގައި ތިބި ގައިދީންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވުނު" އޭސީޕީ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފައިސާ ޖަމާކޮށްދިން ފަރާތްތައް ދެނެގަނެ އެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވާ އޮފިސަރުން ޤާނޫނާ ޚިލާފުވެފައިވާކަމަށެވެ. އެއީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބައެއް ކަމަށާއި ރިޝްވަތު ހިފުމަކީ ކުށެއް ކަމަށެވެ. ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވުނު 18 އޮފިސަރުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށެވެ. މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށާއި މިހާރު ކުރިއަށްދާ އޮޕަރޭޝަން ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ޝައްކުކުރެވެނީ މިކަންކަމުގައި ބައިވެރިވާން ކަމަށް. ސަބަބަކީ ކުށްކުރާ ފަރާތްތަކުގެ އެކައުންޓުން ޖަމާވެފައި އެބަހުރި. ޖަލުގައި ތިބި ގައިދީންގެ އެކައުންޓުން ޖަމާވެފައި އެބަހުރި. އެގޮތަށް ފައިސާ އާންމު ހާލަތުގައި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް،" ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވަނީ ޔުނީފޯމު އެޅި މުޢައްސަސާތަކުގެ އޮފިސަރުންނަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށްވުމުން އެފަދަ ނޭދެވޭ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގެނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ.