ޚަބަރު

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އެވޯޑެއް


  • މިއީ އެ ވިޔަފާރިތަކުގެ މަސައްކަތުގެ އަގު ވަޒަންކުރަން ދޭ އެވޯޑެއް

  • އެމްއެސްއެމްއީ އެވޯޑު ރާއްޖޭގައި ދޭން މިފަށަނީ ފުރަތަމަ ފަހަރަށް

އެމްއެސްއެމްއީ އެވޯޑު ދިނުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އެސްއެމްއީ ދުވަހުގެ މުނާސަބަތުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ނެރުއްވި ބަޔާނުގައި ވަނީ އެމްއެސްއެމްއީ އެވޯޑު ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މި ބަޔާނުގައި ވަނީ އެމްއެސްއެމްއީ އެވޯޑުގެ ނަމުގައި ދޭން ފަށާ މިއެވޯޑަކީ ކުދި ވިޔަފާރިތަކުން ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާއި ހޯދަމުންދާ ކާމިޔަބީތައް ފާހަގަކޮށް ދޭން ނިންމި އެވޯޑެއްކަމަށެވެ. މިއީ މިފަދަ އެވޯޑެއް ރާއްޖޭގައި ދޭން ފަށާ ފުރަތަމަ ފަހަރެވެ. މިއީ މިދާއިރާ އިތުރަށް ކުރިއެރުވުމަށް މުހިއްމު ކަމެއްގެ ގޮތުގައި ބީސީސީއިން ފާހަގަކުރެއެވެ.

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރި ރަޖިސްޓަރ ކުރުން ލާޒިމުނުވާ ފަށައިގަންނަ ވިޔަފާރިތަކަކީ ދިވެހި އިޤްތިޞާދުގައި ބޮޑު ހިއްސާއެއް އަދާކުރާބައެއްކަމަށް ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މާކެޓް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޒިޔާއު ފާހަގަކުރެއްވިއެވެ.

އެގޮތުން ދިވެހި އުފެއްދުންތައް ބޭރުގެ އެކި ޤައުމުތަކުގައި ވިއްކޭނެ ފުރުސަތުތަކާއި ބައިނަލްއަޤުވާމީ އެކި އިވެންޓުތަކުގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް އިޝްތިޙާރު ކުރެވޭނެ އިންތިޒާމުތައް ހަމަޖއްސަމުންދާކަން ޒިޔާއު ފާހަގަކުރެއްވިއެވެ. އަދި ހަމަހަމަކަމާއެކު ހުރިހާ ވިޔަފާރިއަކަށްވެސް ފުރުސަތުތައް ފަހިކޮށްދިނުމުގައި ބީސީސީއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެކުންފުނިންދެއެވެ.

ބައިނަލްއަޤުވާމީ އެންމެ ކުދި އަދި މެދުފަންތިގެ ވިޔަފާރިތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 27 ވަނަ ދުވަހެވެ.