ޚަބަރު

ބިންވެރިޔާ ސްކީމްގައި މިހާތަނަށް 594 ގޯތި ހަވާލުކޮށްފި


  • ބިންވެރިޔާ ސްކީމްގައި ގޯތި ދެނީ ހުޅުމާލެ ގުޅިފަޅު އަދި ގިރާވަރުފަޅުން

  • ޖުމްލަ 9001 ގޯތި ދޫކުރަން ލިސްޓު އެކުލަވާލާފައިވޭ

  • ގުޅިފަޅުގެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ބިންވެރިޔާ ސްކީމްގެދަށުން ބިން ކަނޑާ މިހާތަނަށް 594 ގޯތި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރި ގޯއްޗެވެ. މި މަޝްރޫޢުގައި ޖުމްލަ 9001 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް، އޭރުގެ ސަރުކާރުން ރަނގަޅަށް ތައްޔާރު ނުވެ ބިން ދޫކުރަން ފެށުމުގެ ސަބަބުން ގޯތި ދޫކުރުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ގޯތި ދޫކުރުމާ ގުޅިގެން ހުރި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެއިން ގޯތި ދޫކުރަން ނިންމާފައިވާ ބިންތައް ސާފުކުރުމާއި، އަދި މަގުތަކަށް އަރާގޮތަށް ގޯތި ދޫކޮށްފައި ހުރުމުގެ ސަބަބުން އެކަންކަން ދަނީ އިސްލާހުކުރަމުންނެވެ. މީގެއިތުރުން ގުޅިފަޅުން ބިން ދޫކުރިއިރު، އާއްމު ޚިދުމަތްތަކަށް ބިން ކަނޑައަޅާފައި ނެތުމުގެ ސަބަބުން ގުޅިފަޅު ޕްލޭނަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިދިޔަ ސަރުކާރުގައި ގޯތި ދޭން ކަނޑައެޅި ލިސްޓަށް މިސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިމަޝްރޫއުގައި މިހާތަނަށް ޖުމްލަ 594 ގޯތި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ބުދަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ހަވާލުކުރި 45 ގޯއްޗާއެކު ޖުމްލަ 583 ގޯތި ހަވާލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. އެ ވުޒާރާއިން ވިދާޅުވި ނިމުނު ސަރުކާރުގައި ގުޅިފަޅުން ހަވާލުކޮށްފައި އޮތީ 11 ގޯތިކަމަށެވެ.

މިއަހަރު ޖެނުއަރީން ފެށިގެން މިހާތަނަށް 119 ގޯތި ވަނީ ހަވާލުކޮށްފައެވެ.

ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، ހުޅުމާލެއިން ބިން ސާފުކުރެވެމުންދާވަރަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް އަލުން ފަށާފައިވާކަމަށެވެ. އުއްމީދަކީ މިމަސައްކަތް މެދުކަނޑާލަން ނުޖެހި ކުރިއަށްގެންދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ހުޅުމާލޭގައި ބައެއް އާއްމު ޚިދުމަތްތައް ދިނުމަށް ބިމު އަޑިން އަޅާފައިވާ މައި ނެޓްވޯކްތަކަށް އަރާގޮތަށް ގޯތި ދީފައިވާ މައްސަލަ ޙައްލުކުރަން ވަގުތު ނަގާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ގުޅިފަޅުން ގޯތި ދިނުމުގެ ޕްލޭންތަކަށްވެސް ބޮޑެތި ބަދަލުތަށް ގެނެސްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ކުރީގެ ޕްލޭންގައި އާއްމު ޚިދުމަތްތަކާ ވަސީލަތްތައް ޤާއިމުކުރަން ބިން ކަނޑައަޅާފައި ނެތްކަމަށެވެ. މިސަރުކާރުން ގުޅީފަޅުގެ ޕްލޭން އަލުން އިސްލާހުކޮށްފައިވާއިރު، މިއާއި ގުޅިގެން މިހާރު ގޯތި ހަވާލުކޮށްފައި އަދި ދޫކޮށްފަ ހުރި ޕްލޮޓްތަކަށްވެސް ބަދަލު އަންނާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ހައިދަރު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގައި ދޫކުރަން ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.