ޚަބަރު

ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، މިއީ މެރިޓައިމް ސިނާޢަތުގެ ބާރެއް: ވަޒީރު ސަޢީދު


  • ބެއިޖިންގ ޑެއިލީއަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި މުހިއްމު ވާހަކަފުޅުތަކެއް ދެއްކެވި

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް، ރާއްޖެއަކީ އިންޑިއާ ކަނޑުގެ މެރިޓައިމް ސިނާއަތުގެ ބާރެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު މިހެން ވިދާޅުވީ ޗައިނާގެ ޑާލިއަންގައި ކުރިއަށްދިޔަ 15 ވަނަ ސަމަރ ޑާވޯސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ މީޑިއާއަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ބެއިޖިންގ ޑެއިލީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޗައިނާއާއި ރާއްޖޭގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ މަޤާމު ޗައިނާއިން ދަމަހައްޓަމުން އަންނަކަމަށެވެ. އަދި ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ގިނަ ކުންފުނިތަކަކުން ރާއްޖޭގައި އިންވެސްޓްކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެފަދަ ކުޑަ އިޤްތިޞާދެއް އޮންނަ ޤައުމަކަށް ޗައިނާފަދަ އިޤްތިޞާދީ ބާރުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިއްމުކަމަށެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް، ބީއާރުއައިއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މި ސަރަހައްދުގައި ރާއްޖެއަކީ ބީއާރުއައިގެ މުހިއްމު ބައިވެރިޔަކަށްވާއިރު، އޭގެ ސަބަބުން ފައިދާތަކެއް ލިބެމުންދާކަން ރާއްޖެއިން ހާމަކޮށްދީފައިވާކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ރާއްޖެއަކީ މެރިޓައިމް ސިނާއަތުގެ ބާރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ހުޅަނގާއި އިރުމަތި ގުޅުވައިދޭ ސަރަހައްދެއްގައި ރާއްޖެ އޮތުމުގެ ސަބަބުން އެތައް އިޤްތިޞާދީ އެތައް ފުރުސަތުތަކެއް ރާއްޖެއަށް ހުޅުވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ބޭރުގެ އެއްބާރުލުން ބޭނުންވާއިރު، ޗައިނާގެ ފަތުރުވެރިން އަންނަ އަދަދު އަދިވެސް އިތުރުވެ، ޗައިނާގެ ކުންފުނިތަކުން އިންވެސްޓްކުރާ މިންވަރުވެސް ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ޗައިނާއަށް ވަޑައިގަތީ އެ ޤައުމުގެ ޑާލިއަންގައި ކުރިއަށްދިޔަ 15 ވަނަ ސަމަރ ޑާވޯސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގެ ތެެރެއިން އެ މަނިކުފާނު އިޤްތިޞާދާއި މާލީ ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއްވެސް ބާއްވަވާފައެވެ.