ކުޅިވަރު

އެތައް އަހަރެއް ފަހުން ނޮކްއައުޓް ބުރަށް ކޮލިފައިވުމުން ވަރަށް އުފާވޭ: މޮންޓެލާ


"
އަހަރެމެން ގްރޫޕުން ކޮލިފައިނުވާތާ އެތައް އަހަރެއް ވެއްޖެ، އެހެންވީމަ ވަރަށް އުފާވެއްޖެ
ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ

ޔޫރޯ 2024 ގެ ގްރޫޕް އެފް ގައި ރޭ ޗެކް ރިޕަބްލިކް އަތުން 1-2 އިން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، ތުރުކީން ގްރޫޕް ސްޓޭޖުން ކޮލިފައިނުވާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އެހެންކަމުން އެކަންތައް ކުރެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮންޓެލާ ވަނީ، ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރެވުނީ ތަފާތު އެކި އުނދަގޫ ހާލަތްތަކުން އަރައިގަނެގެން ކަމަށް ބުނެފައެވެ.

ތުރުކީން ގްރޫޕުގެ ފަހު މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނީ މިހާތަނަށް ޔޫރޯގެ މުބާރާތެއްގައި ކުޅެފައިވާ އެންމެ ތިން ކުޅުންތެރިން ކަމަށާއި، އެކަމުގެ ސަބަބުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުން ކޮންމެވެސް ވަރަކަށް އޮތް ޕްރެޝަރު ކުޑަވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މޮންޓެލާ ބުންޏެވެ.

ތުރުކީގެ ކެޕްޓަން، ހަކަން ޗައަނޮގްލޫއާ ބެހޭގޮތުން މޮންޓެލާ ބުނީ، މިލާންގައި އެކުގައި މަސައްކަތްކޮށްފައިވާ ކަމަށާއި، އޭނާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި އެހާމެ ރަނގަޅު މީހެއް ކަމަށެވެ. ޗެކް ރިޕަބްލިކާ ދެކޮޅަށް ޗައަނޮގްލޫ ކުޅުނީ ބޮޑަށް އޮފެންސިވްކޮށް ކަމަށާއި، އޭނާ ގޯލެއް ކާމިޔާބުކުރުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މޮންޓެލާ ވަނީ، މެޗަށްފަހު އެންމެ ފުރަތަމަ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އުފާ ފާޅުކުރާނީ ކަމަށާއި، އެއަށްފަހު ދެން އޮތް މެޗުގެ ތައްޔާރީތައް ފަށާނެ ކަމަށާއި، ތާރީޚު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި، ކުރިއަށް އޮތް މެޗުގައި (އޮސްޓްރިއާ އާ ދެކޮޅަށް) ތުރުކީގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށާއި، އެ ކުޅުންތެރިން ނެތްތަން އެ މެޗުގައި ފެނިގެންދާނެ ކަމަށް ވެސް މޮންޓެލާ ފާހަގަކުރިއެވެ.