ޚަބަރު

ޓެކްސް މުރާޖާކުރުން މުހިންމު، އެއީ އައިއެމްއެފުން ލަފާދީފައިވާ ކަމެއް: ޑރ. ޝަފީޤް


  • ޓެކްސް މުރާޖާކުރަނީ އިޤްތިޞާދަށް އަންނަ ބަދަލުތަކާއި ޓެކްސް ރޭޓު އެއްހަމަ ކުރުމަށް

  • ސަރުކާރުން އާމްދަނީއާއި ގުޅޭ ޤާނޫނުތައްވެސް އިސްލާޙުކުރުމަށް ވަނީ ނިންމާފައި

ޓެކްސް ނިޒާމު ކޮންމެހެން ރިވިއުކުރަންޖެހޭކަމަށާއި، އެއީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ލަފާދީފައިވާކަމެއްކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝާފީޤް ވިދާޅުވީ ސަރުކާރުން ޓެކްސް ރޭޓު މުރާޖާ ކުރަން ނިންމާފައިވަނީ ވޯލްޑް ބޭންކް އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން އެގޮތަށް ލަފާދީފައިވާތީކަމަށެވެ. ޓެކްސް މުރާޖަޢާ ކުރުމަކީ ޤަވާއިދުން ކޮންމެހެން ކުރަން ޖެހޭކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވި، ޓެކްސް މުރާޖާ ކުރުމަކީ ޓެކްސް ބޮޑުކުރުން ނުވަތަ ކުޑަކުރުން ނޫންކަމަށެވެ. އެއީ އެކަން އެނގޭނީ މުރާޖާ ކުރުމަށްފަހުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާލުވީ ޓެކްސް މުރާޖާ ކުރުމުން ޤައުމުގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއެކު ބޮޑު ކުރަން ޖެހޭތޯ ނުވަތަ އިތުރަށް ތެކްސް ކުޑަ ކުރަން ޖެހޭތޯ އެނގިގެންދާނެކަމަށެވެ. ސަރުކާރުން މުރާޖާކުރަން ހުށަހަޅާފައިވާ ޓެކުހުގެ ތެރޭގައި ޓެލެކޮމް އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ނަގާ ފީއާއި، ރިސޯޓް ކުއްޔާއި ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިމުކުލިފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ދުންފަތާއި، ރަލާއި އޫރުމަސް ފަދަ ޚާއްޞަ ބާވަތްތަކުން ނަގާ ޓެކްސް މުރާޖާކުރުންވެސް ހިމެނެއެވެ.

"ރިވިއު ކުރުމަކީ ބޮޑު ކުރުމެއްވެސް ނޫން އަދި ކުޑަކުރުމެއްވެސް ނޫން. ރިވިއު ކުރީމަ އެނގޭނީ މިހާރު ނަގަނީ އެންމެ ރަނގަޅު ޢަދަދުތޯ. މިހާރު ޓެކްސް އިންޓްރޮޑިއުސްކޮށްފައި ހުރީމަ އިޤްތިޞާދަށް ކުރާ އަސަރު ބަލަން ޖެހޭ. " މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ ސަބަބުން ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށްޓަވާފައެވެ. އެގޮތުން މިއަހަރު ކުރީކޮޅުން ފެށިގެން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފަށާފައިވާއިރު، މިހާތަނަށްވެސް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީއާއެކު ދައުލަތައް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ސަރުކާރުން މެދުރާސްތާގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވައި މިހާރު އާންމު ކޮށްފައިވާއިރު، އޭގައި ޖީއެސްޓީ، ގްރީން ޓެކްސްގެ އިތުރުން އެމްޕޯޓް އެކްސްޕޯޓު ޑިއުޓީ މުރާޖާ ކުރަން ވަނީ ހިމާނާފައެވެ.

މީގެ އިތުރުން ޓެކްސް ބޭސް ބޮޑުކުރުމަށް ހިމަނާފައިވާއިރު މާލީ ވަޒީރު ވިދާޅުވީ، ސަރުކާރުން މިކަމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ މިހުރިހާ ކަމެއް މުރާޖާކޮށް މަޝްވަރާ ކުރުމަށް ފަހުކަމަށެވެ. އަދި ސަރުކާރުން ވަނީ ދައުލަތަށް ވަންނަ އާމްދަނީއާއި ގުޅުން ހުރި ޤާނޫނުތައް އިސްލާހުކުރުމަށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ޚަރަދުކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުންވެސް ވަނީ ބުނެފައެވެ. އަދި އިޤްތިޞާދު ރަނގަޅުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ މަރުޙަބާ ކިޔާފައެވެ.