ކުޅިވަރު

މިއީ އުމުރުގައި އެއްފަހަރު ކުރެވޭނެ ތަޖުރިބާއެއް: އިއޮޑަނެސްކޫ


"
މިއީ ގަބޫލުކުރަންދަތި ކާމިޔާބީއެއް، އުއްމީދަކީ އަދި އިތުރަށް ކުރިއަށްދިއުން.
ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި ރޭ ސްލޮވާކިއާ އާ 1-1 އިން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ ވަނީ، މުބާރާތުގެ ގަދަ 16 ގެ ބުރުން ރުމޭނިއާ ޖާގަ ހޯދުމުން، އެއީ ދިރިއުޅުމުގައި އެއްފަހަރު ކުރެވޭނެ ތަޖުރިބާއެއް ކަމަށާއި، މިދިޔަ ތިން މެޗުގައި އަމިއްލަ ގައުމުގައި ކުޅުނު ފަދަ ގޮތަކަށް ދިން ތަރުހީބަށް ރުމޭނިއާގެ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ބުނެފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއޮޑަނެސްކޫ ބުނީ، މި ކާމިޔާބީ އަށް ޓަކައި ރުމޭނިއާ އަށް ނިސްބަތްވާތީވެ އޭނާ ފަޚުރުވެރިވާ ކަމަށާއި، ގަބޫލުކުރަނީ މުޅި ގައުމު ވެސް އެކަމަށްޓަކައި ފަޚުރުވެރިވާނެ ކަމަށެވެ.

އޭނާގެ ޓީމުން އެއް ލަނޑު ފަހަތުގައި އޮވެ، ގޮތްދޫނުކޮށް މެޗުގެ ތެރެއަށް އައިސް މުހިއްމު ނަތީޖާއެއް ހާސިލްކުރުމުން ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި، އެ ޓީމުން އަބަދުވެސް ކުޅެނީ ފުޓްބޯޅަ ކުޅުމުގެ ޝައުގުވެރިކަން އޮވެ، ބުއްދި އާއި ހުރިހާ ކަމެއް ބެލެންސްކޮށް މެޗު ކާމިޔާބުކުރުމަށް ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ.

އިއޮޑަނެސްކޫ ބުނީ، ރުމޭނިއާ ޓީމު ފެނިގެންދިޔައީ ވަރަށް އޯގަނައިޒްކޮށް ކަމަށާއި، އޭނާގެ ޓީމުން އެކަން ވަރަށް ރަނގަޅަށް ދައްކުވައިދީފި ކަމަށެވެ. މި ފެންވަރުގެ މެޗުތަކުގައި ދަނޑުމަތީގައި ވަރުބަލިކަމެއްނެތި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށާއި، އޭނާގެ ޓީމުގެ ފަރާތުން އެކަންތައް ފެނިގެންދިޔަ ކަމަށް ވެސް އިއޮޑަނެސްކޫ ބުންޏެވެ.

ގްރޫޕުގެ އެއްވަނަ ލިބުމުން އޭނާގެ ޓީމާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، ސްލޮވާކިއާ އާ ދެކޮޅަށް ކުޅުނީ އުނދަގޫ މެޗެއް ކަމަށް ވެސް އިއޮޑަނެސްކޫ ފާހަގަކުރިއެވެ. މި ކާމިޔާބީއަށްޓަކައި ރުމޭނިއާގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ހާލުގައި ދެން އޮތް އަމާޒަކީ ކުރިއަށް އޮތް މެޗަށް ރަނގަޅަށް ތައްޔާރުވުން ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ. އެކަމަކު، މިވަގުތަށް މި ކާމިޔާބީ އަށް ޓަކައި ހުރިހާ ކުޅުންތެރިން އުފާ ފާޅުކުރުން ހައްގު ކަމަށް ވެސް އޭނާ ބުންޏެވެ.