ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިއަދު ދޫކުރަން މަސައްކަތްކުރަނީ


  • މިފްކޯއިން ބުނީ ސަރުކާރުން އެމަސައްކަތްކުރަމުންދާ ކަމަށް

  • އެހެންނަމަވެސް މިއަދު ދޫކުރާނެކަން އަދި ކަށަވަރުނުވާކަމަށް

  • މަސްވެރިންނަށް ނުދެވި ހުރީ 52 މިލިއަން ރުފިޔާ

މަސްވެރިންނަށް ނުދެވި ހުރި 52 މިލިއަން ރުފިޔާ މިއަދު ދޫކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން އަދި ކަށަވަރުނުކުރެވޭ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށާއި، މިހަފުތާގައިވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިހަފްތާތެރޭގައި ވިދާޅުވެފައެވެ.

ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17 ރުފިޔާއަށް ބޮޑުކުރުމަށްފަހު މަސްވެރިންނަށް ފައިސާ ދެއްކީ ނެތް ފައިސާއެއް ޗާޕުކޮށްގެން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށްފަހު އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް އެއްވެސް ފައިސާއެއް ދީފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއީ އިޤްތިޞާދީ ގޮތުން ދަތި ދުވަސްވަރެއްނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ ބަޔަކު އިހްތިޖާޖުކުރަމުންދާއިރު މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާކަމަށާއި އެއީ 52.6 މިލިއަން ރުފިޔާކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ އެކުންފުންޏަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައި ކަމަށާއި، ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެންކަމަށެވެ. ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށްވަނީ 1.6 ބިލިއަން ރުފިޔާގެ ގެއްލުމެއްވެފައެވެ.