ޚަބަރު

މާލީ ތަޖުރިބާކާރުން ވިދާޅުވަނީ ފައިސާ ޗާޕުކޮށްގެން ހިންގީ ބޮޑު ޖަރީމާއެއްކަމަށް!


  • ނިމިދިޔަ ސަރުކާރުން ވަނީ ހައްދެއް ނެތި ފައިސާ ޗާޕުކޮށްފައި

  • ލޯނުތައްވެސް ނެގީ ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް

  • ލޯނުގެ ގޮތުގައި ނެގި ފައިސާއިން ކުރި ކަމެއް ފެންނާކަށް ނެތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި މިދިޔަ ނޮވެމްބަރުމަހު ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަން އެއީ އިޤްތިޞާދީ މާހިރުން އިއްތިފާޤުވެވަޑައިގަންނަވާ ހަޤީޤަތެކެވެ. އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ޚަރަދުތައް އޮތީ އިންތިހާއަށް އިތުރުވެފައެވެ. ބޭރާއި އެތެރޭގެ ދަރަނިވެސް އޮތީ ދުވަހަކުވެސް ބޮޑުނުވާވަަރަށް ބޮޑުވެފައެވެ. ރާއްޖެއަށް އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީއާ އަޅާބަލާއިރު ދަރަނި އަނބުރާ ދައްކަން ކުރަންޖެހޭ ހޭދަ ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މި ހާލަތަށް ޤައުމުގެ އިޤްތިޞާދު ދާންޖެހުނު ސަބަބުތަކެއް ހުންނާނެކަން ޔަގީނެވެ.

ހަމައެއް ލަމައެއް ނެތި ފައިސާ ޗާޕުކުރުން

އިޤްތިޞާދީ މާހިރުން ޤަބޫލުކުރާ ގޮތުގައި ނިމިދިޔަ އެމްޑީޕީގެ ވެރިކަން ނިމުނުއިރު ޤައުމުގެ އިޤްތިޞާދު އިނދަޖެހުނު މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމެވެ. ބޭނުން މިންވަަރަކަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ ރައީސް ޞާލިހުގެ ސަރުކާރަށް ދިނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. ހަގީޤަތުގައި ރާއްޖެފަދަ ކުޑަ އިޤްތިޞާދެއް އޮންނަ ޤައުމަކަށް ފައިސާ ޗާޕުކުރުމަކީ އޭގެ ނުރައްކާ ބޮޑު ކަމެއްކަން އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރުމަކީ އޭރު ކޮންމެހެންވެސް ކުރަންޖެހުނު ކަމެއްކަމަށް އޭރުގެ ސަރުކާރުން ބުނެއެވެ. ނަމަވެސް، ކޯވިޑަށްފަހު 2022 ވަނަ އަހާރާއި 2023 ވަނަ އަަހަރު އިޤްތިޞާދު އަލުން އިއާދަވާން ފެށުމުންވެސް ފައިސާ ޗާޕުކޮށްފައިވުމަކީ އިޤްތިޞާދީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ އިސް މަޤާމުތަކަކާއި އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކޮށްފައިވާ ބޭފުޅެއް ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކުރިއަރާ، ދައުލަތަށް އާމްދަނީ ލިބެން ފެށުމުންވެސް ފައިސާ ޗާޕުކުރުމަކީ ނިމިދިޔަ ސަރުކާރުން ހެދި އެންމެ ބޮޑު ގޯސްކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓި، ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް އެތައް ތަކުލީފަކާއި ބުރައެއް ކުރިމަތިވީއެވެ.

ދައުލަތަށް ބުރަ ބޮޑުވާ ލޯނުތައް

ފައިސާ ޗާޕް ކުރުމުގެ އިތުރުން، ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ނެގި ލޯނުތަކަކީވެސް ޤައުމުގެ އިޤްތިޞާދަށް ލޮޅުންތަކެއް އަރަން މެދުވެރިވި ސަބަބެކެވެ. ކޮންމެ ޤައުމަކުންވެސް، އެ ޤައުމެއްގައި ހިންގަން ބޭނުންވާ މަޝްރޫޢުތައް ހިންގަން ލޯނު ނަގައެވެ. ނަމަވެސް އެކަން ކުރާއިރު ޤައުމުތަކުން ބަލާނީ ވީހާވެސް ރައްޔިތުންނަށް ލޯނުގެ ބުރަ ކުޑަވާ ގޮތަށް، ކުޑަ އިންޓަރެސްޓެއްގައި، ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ލޯނު ހޯދުމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އަވަށްޓެރި ޤައުމުތަކުން ކުރު މުއްދަތެއްގެ ތެރޭގައި ދައްކާގޮތަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނަގާފައެވެ. ޓީ ބިލާއި ސަނީ ސައިޑް ބޮންޑުފަދަ ރީތި، މޮޅު ނަންތައް ކިޔަސް ހަޤީޤަތުގައި މިއީ ރައްޔިތުންގެ ނަމުގައި ނަގާ ބޮޑެތި ލޯނުތަކެވެ.

ސަތޭކަ މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑެތި ލޯނުތަކަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް އަދި ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާ ލޯނު ނަމަވެސް ކުރީ ސަރުކާރުން ކުރި އެންމެ ގޯސްކަމަކީ، 100 މިލިއަނެއްހާ ޑޮލަރުގެ ލޯނުތައްވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކާގޮތަށް ނެގުންކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. އިޤްތިޞާދީ މާހިރުން ބުނާގޮތުން މިއީ ދަރަނި ދަންތުރަތަކެކެވެ.

އެމްޑީޕީގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރައެވެ. މިކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރުމަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހިވަޑައިގެންނެވި އެއް މަސައްކަތަކަށްވީ އެމްޑީޕީގެ ސަރުކާރުން ނަގާފައި އޮތް ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމެވެ. އެގޮތުން ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 3 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ސަރުކާރުން ހޭދަކުރަންޖެހޭނެއެވެ.

ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިސްރާފުކުރުން

ލޯނު ނަގާނަމަ، އެންމެ މުހިއްމު ކަމަކީ އެ ލޯނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމެވެ. ގޭބީސީއެއްގެ މިސާލުންނަމަ، މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން އަގު ބޮޑު ރެސްޓޯރަންޓަކަށް އައިސް ކްރީމް ބޯން ދިއުމަށްވުރެ، އެ ގެއަކަށް ބޭނުންވާ މުހިއްމު އެހެން ކަންކަން ފުއްދުމަށް އިސްކަންދޭންޖެހެއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ކުރީ "ރެސްޓޯރަންޓަކަށް އައިސްކްރީމް ބޯން ދިއުން"ފަދަ ކަމެކެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރެއް ލޯނުގެ ގޮތުގައި ނެގި ނަމަވެސް، ސަރުކާރުގެ ވެރިންނަށް މުސާރަ ދިނުން ފިޔަވައި އެ ފައިސާއިން ކުރި މަސައްކަތެއް ފެންނާނެކަށް ނެތެވެ. މާލެއާއި ރަށްރަށުގައި ހިންގަން ވައުދުވި މަޝްރޫޢުތައް ހުރީ ހުއްޓިފައެވެ. ގިނަ މަޝްރޫޢުތައް ނުފެށޭއިރު، ބައެއް މަޝްރޫޢުތަކަށް ވީގޮތެއްވެސް ނޭނގެއެވެ. ނަމަވެސް ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނެގީ އެ ފައިސާއިން ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ނަމުގައިކަމަށްވާއިރު، މިއީ ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއްގެ ގޮތުގައި އިޤްތިޞާދީ މާހިރުން ސިފަކުރެއެވެ.

ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް

ލޯނުގެ ގޮތުގައި މިދިޔަ ސަރުކާރުން އެތައް ބިލިއަން ރުފިޔާއެއް ނަގާފައިވާއިރު، އޭގެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް ސިޔާސީގޮތުން ފައިދާތަކެއް ހާސިލުކުރުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ފެނަކައާއި އާސަންދައިގެ ހިސާބުތަކަށް އެކަނި ބަލާލުމުންވެސް އެ ވާހަކަތަކަށް ބާރު ލިބެއެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ދިމާކޮށް މިދިޔަ އަހަރުގެ ޖޫން އަދި ޖުލައި އާސަންދައިން އެކި ފަރާތްތަކަށް ދިން ފައިސާގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާކަން އެއީ ފެންނަން އޮތް ހަޤީޤަތެކެވެ.

ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު، ފެނަކައަށް ފޯރުކޮށްދިން ތެލަށް އެސްޓީއޯއަށް ދައްކަންޖެހޭ 2 ބިލިއަނެއްހާ ރުފިޔާ އޮތީ ނުދައްކައެވެ. ނަމަވެސް އެ ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން ސަބްސިޑީގެ ގޮތުގައި އެކުންފުންޏަށް ދިން ފައިސާއާއި ކަރަންޓް ބިލުގެ ފީގެ ގޮތުގައި ލިބުނު އާމްދަނީއަށް ވީ ގޮތެއްވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ކުންފުނި ގެއްލުމުގައި ހިންގަމުންދިޔައިރުވެސް ފެނަކައިން ދިޔައީ ޒަމާނީ އިންޖީނުގެއާއި އޮފީސްތައް ބިނާކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުންނެވެ. އެ ފައިސާވެސް މައިގަނޑު ގޮތެއްގައި ޖަމާވެފައި ހުރީ ކުންފުނީގެ އެންމެ އިސްކޮށް އުޅުއްވި ވެރިޔާގެ ގާތް ބޭފުޅުންގެ އެކައުންޓްތަކަށްކަންވެސް އެއީ ފެންނަން އޮތް ހަޤީޤަތެވެ.

ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު "ދޮވެލުން"

ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ޤާއިމްކޮށްފައިވާ ފަންޑެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަން 2018 ވަނަ ނިމި، އެމްޑީޕީގެ ވެރިކަން ފެށުނުއިރު އެ ފަންޑުގައި 800 މިލިއަނެއްހާ ޑޮލަރު ހުރިކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު އެ ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު 140 މިލިއަން ޑޮލަރު ހުންނާނެކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމު އަދާކޮށްފައިވާ ބޭފުޅެއް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރިކަމަށް ބުނާ 140 މިލިއަން ޑޮލަރު ވަނީ އެމްޑީޕީގެ ސަރުކާރުގައި އެކި ތަންތަނުގައި އިންވެސްޓްކޮށްފައިކަމަށެވެ. އަދި ވިޔަފާރިތަކަށް އިންވެސްޓްކޮށްފައި ހުރި ފައިސާއަކީ ދައުލަތުގެ އެކައުންޓްގައި ހުރި ފައިސާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރަކު ވިދާޅުވާނީ މާލީ ކަންކަން ނޭނގޭތީ ނޫނީ ރައްޔިތުންނަށް ކަން އޮތް ގޮތް އޮޅުވާލުމުގެ މަޤްޞަދުގައިކަމަށްވެސް އިޤްތިޞާދީ އަދި މާލީ ކަންކަމުގައި ތަޖުރިބާ ހުރި ފަރާތްތަކުން ބުނެއެވެ.

އިޤްތިޞާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ކުރީ ސަރުކާރުގައި މާލީގޮތުން ހިންގާފައިވަނީ ބޮޑެތި ޖަރީމާތަކެކެވެ. އަދި މިއީ ޤައުމެއްގެ އިޤްތިޞާދު އިނދަ ޖައްސާލުމަށް ރާވައިގެން ހިންގި ޖަރީމާތަކެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަ ކުރައްވައެވެ. ބައެއް އިޤްތިޞާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނިމިދިޔަ ސަރުކާރުން ދައުލަތުގެ އެތައް ބިލިއަން ރުފިޔާއަކާމެދު އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައެވެެ. އަދި އޭރު ވެރިކަމުގައި ތިއްބެވި ފަރާތްތައް އެކަންކަމަށް ޒިންމާދާރުކުރުވަންޖެހޭކަމަށްވެސް ހުންނެވި ބޭފުޅާއާއި އެ ބޭފުޅާގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާގެ މައްޗަށް ޖިނާއީ ދައުވާކޮށް، ބޮޑެތި އަދަބުތައް ދޭންޖެހޭކަމަށްވެސް އިޤްތިޞާދީ އަދި މާލީ ތަޖުރިބާކާރުން ވިދާޅުވެއެވެ.