ޚަބަރު

މީގެކުރިން ޚަރަދުކުޑަކުރަން ސިޔާސަތު ކަނޑައެޅިނަމަވެސް ތަންފީޒުކޮށްފައެއް ނެތް: ޑރ. ޝަފީޤް


  • 2022 އަދި 2023ގައި ޚަރަދުކުޑަކުރަން ސިޔާސަތު ކަނޑައެޅިނަމަވެސް ތަންފީޒެއް ނުކުރޭ

  • މި ސަރުކާރުގެ ރިފޯމް އެޖެންޑާގައި 20 ކަމެއް ވަނީ ހިމަނާ ތަންފީޒް ކުރަން ފަށާފައި

ޚަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މި ހިނގަމުންދާ 3 ވަނަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ. މާލީ ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް ހާޒިރުވެވަޑައިގެން ދައުލަތުގެ މާލީ ހާލަތުގެ ތަފްސީލު ދެއްވަމުންނެވެ.

މާލީއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ދައުލަތުގެ ދަރަނި ދައްކަމުން މިހާރު ދާގޮތުން ރިކަރަންޓު ޚަރަދު ބޮޑުވެގެންދާ ކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ވަޒީރުވަނީ މިކަމަށް މިވަގުތު އޮތް ހައްލަކީ ޚަރަދުތައް ކުޑަކޮށް ފޫބެއްދުންކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން މި އެކުލަވާލެވުނު ރިފޯމް އެޖެންޑާގައި ހިމެނޭކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ 20 ކަމެއް ރިފޯމް އެޖެންޑާގައި ހިމެނޭ ކަމަށެވެ.

އަދި މީގެ ކުރިން ސަރުކާރު ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތަކެއް 2022 އަދި 2023 ވަނަ އަހަރު މަސައްކަތްތަކެއް ކުރެވުނުއިރު، އެކަން ވަގުތުން ތަންފީޒުކޮށް، ޢަމަލުކުރާނެ ޕްލޭންތަކެއް ހެދިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ދަނީ މި ހިނގަމުންދާ ކުއާޓަރުގެ ތެރޭގައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެގޮތުން މިކަންކަން ތަންފީޒު ކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާ ކުރެވި ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައެއް ކަންކަން އިސްފަސް ވެގެންދާނެ. އެހެންނަމަވެސް ހިނގަމުންދާ ކުއާޓަރުގައި ގިނަ ކަންކަން ތަންފީޒު ވާނެ" މާލީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމް އެޖެންޑާގައި ސީދާ ޚަރަދު ކުޑަކުރުމަށް 7 ކަމެއް ފާހަގަކޮށްފައިވެއެވެ. އަދި މި ކަންކަމުގެ އިތުރުންވެސް އެހެނިހެން ކަންކަން ހިމަނައިގެން މެދު ރާސްތާގައި ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ޚަރަދުކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް ސިޔާސަތެއް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވަނީ މެދު ރާސްތާގައި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އެކުލަވާލައި އާންމުކޮށްފައެވެ.