ތިމާވެށި

އއ. ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް!


ތިމާވެށީގެ މައްސަލަތަކަކީ، ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ގުދުރަތީގޮތުންނާއި، އިންސާނުންގެ ޢަމަލުތައް ހުންނަގޮތުން ތިމާވެއްޓަށް ލިބެމުންދާ އެކި ގެއްލުންތައް ކުޑަކޮށް، އެކަމުގެ ސަބަބުން އާއްމުންނަށް ދިމަވާ ދަތިތައް ހައްލުކުރެއްވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ސަރުކާރުގެ އިތުރުންވެސް، އަމިއްލަ ބައެއް ޖަމިއްޔާތަކާއި، ރަށު ކައުންސިލްތަކުންވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. img:http://s2.psmnews.mv/images/660x400/14632909610695.jpg|އ.އ.ބޮޑުފޮޅުދޫ ކައުންސިލް މެމްބަރުން - ފޮޓޯ: ޕީއެސްއެމް

ގުދުރަތީގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން، ތިމާވެށީގެ އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. އަދި މިކަމަށް ދޭންވާ ސަމާލުކަން އެންމެ އެކަށީގެންވާގޮތުގައި ނުދެވިއްޖެނަމަ، މިކަމުގެ ސަބަބުން، އާއްމުންގެ ދިރިއުޅުމަށްވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ފަރުދީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައިވެސް މަސައްކަތްކުރުން މުހިއްމެވެ. ގާތްގަނޑަކަށް 750 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އއ. ބޮޑުފޮޅުދުއަކީވެސް މިދެންނެވި ކަހަލަ ތިމާވެށީގެ ތަފާތު މައްސަލަތަކެއް ކުރިމަތިވެފައިވާ ރަށެކެވެ. އެގޮތުން ރަށް ގިރުމާއި، ރަށުގެ ބޯފެން ފަށަލަ ތަޣައްޔަރުވުމާއި، ކުނީގެ މައްސަލަތައް ފަދަ ކަންކަން އެރަށަށްވެސް ވަނީ ކުރިމަތިވެފައެވެ. މިކަންކަމަށް ހައްލެއްގެނެސް، ޢާއްމުންނަށް ދިރިއުޅެން ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ބޮޑުފުޅަދޫ ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. img:http://s2.psmnews.mv/images/660x400/14632912300243.jpg|އ.އ.ބޮޑުފޮޅުދޫ ރަށްގިރުން - ފޮޓޯ: ޕީއެސްއެމް

ބޮޑުފޮޅުދޫގައި މީގެކުރިން ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ނަތީޖާއަކަށްވީ، އެއްވެސް ތަރުތީބެއްނެތި އާއްމުން އެރަށުގެ އެކި ސަރަޙައްދުތަކަށް ކުނި އެޅުމެވެ. ޚާއްސަގޮތެއްގައި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި މޫދަށާއި، ރަށުގެ އެކި ދިމަދިމާލަށް އެޅުމުގެ ސަބަބުން، ތިމާވެށީގެގޮތުން ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ. މިކަމަށް އަވަސް ހައްލެ ހޯދުމުގެ ގޮތުން ކައުންސިލުން ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން އެރަށަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް ހެދުމުގެ މަޝްރޫޢުއެއް ބޮޑުފޮޅުދޫއާއި، އަމިއްލަ ޖަމިއްޔާއެއް ގުޅިގެން މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. img:http://s1.psmnews.mv/images/660x400/14632911394971.jpg|އ.އ.ބޮޑުފޮޅުދޫ ފިހާރައެއްގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅު - ފޮޓޯ: ޕީއެސްއެމް

މި މަޝްރޫޢުގެ ދަށުން، އެކިކަހަލަ ބޭނުންތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮތަޅު ބޮޑުފޮޅުދޫ ކައުންސިލްގެ ފަރާތުން ދަނީ އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އަދި ބޮޑުފޮޅުދޫ ރައްޔިތުންގެ އިތުރުން އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ކައުންސިލުން ދަނީ މިކަމަށް ހިތްވަރު ދެމުންނެވެ. އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި، ކައިރި ރަށްރަށުގައި ކުނި ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުވައި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14632910727373.jpg|އ.އ.ބޮޑުފޮޅުދޫގައި ކުނި ޖަމާކުރާ ސަރަޙައްދު - ފޮޓޯ: ޕީއެސްއެމް

ކުނީގެ އިތުރުން، ދެން ބޮޑުފޮޅުދޫއަށް ދިމާވެފައިވާ އަނެއް މައްސަލަކީ، ސާފު ބޯފެން ނުލިބުމުގެ މައްސަލައެވެ. ވަކިން ޚާއްސަގޮތެއްގައި ސުނާމީ ކާރިސާއަށްފަހު، އެރަށުގެ ފެންފަށަލަ ވަރަށް ބޮޑަށް ހަލާކުވެ، ސާފު ބޯފެން ހޯދުމަށް އެރަށުގެ ރައްޔިތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަން ކައުސިންލުން ފާހަގަކުރެއެވެ. img:http://s4.psmnews.mv/images/660x400/14632911834187.jpg|އ.އ.ބޮޑުފޮޅުދޫ ގެއެއް - ފޮޓޯ: ޕީއެސްއެމް

ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ތެރެއިންނާއި، ސަރުކާރުގެ ބޭރުންވެސް އެރަށު ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަމިއްލަ ޖަމިއްޔާތަކާއި، ކައިރީ ރިސޯޓްތަކުގެ އިތުރުން، އެރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކުގެ އެހީތެރިކަން މިފަދަ ކަންކަމަށް ހޯދަމުންދާކަމަށް ބޮޑުފޮޅުދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. img:http://s2.psmnews.mv/images/660x400/14632910378903.jpg|އ.އ.ބޮޑުފޮޅުދޫގައި ކުނި ޖަމާކުރާ ސަރަޙައްދު - ފޮޓޯ: ޕީއެސްއެމް