ޚަބަރު

ސައުތު އޭޝިއާ ޤައުމުތަކުގެ ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ "ސަކެޕް" ރީފޯމްކުރަންޖެހޭ: ޠާރިޤު


  • ސަކެޕްގެ 16ވަނަ ބައްދަލުވުން އޮތީ ބޫޓާންގައި

  • ވަޒީރު ވިދާޅުވީ ސަކެޕްގެ ދައުރު ބައިނަލްއަޤްވާމީ މައިދާނުގައި ފުޅާކުރަންޖެހޭ ކަމަށް

  • ރާއްޖެއިން ތިމާވެށީގެ ރޮނގުން އަޅަމުންދާ ފިޔަވަޅުތައް މިބައްދަލުވުމުގައި ޙިއްސާކުރެއްވި

ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ ސައުތު އޭޝިއާގެ މައި ޖަމިއްޔާ، ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް،(ސަކެޕް) ޒަމާނާ އެއްގޮތަށް ބަދަލުގެނެސް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބޫޓާންގައި ކުރިއަށްގެންދިޔަ ސަކެޕްގެ 16 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން ނިންމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަކެޕްގެ ބައްދަލުވުމަކީ މުހިއްމު ބައްދަލުވުމެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ އެކަމަށް އަވަސް ފިޔަވަޅު އެޅުމަކީ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭ ފުރުސަތެއްކަމަށެވެ. މޫސުމީ ބަދަލުތަކުން ރާއްޖެއަށް ދިމާވާ ޢާއްމު ކަންކަމަށް ބަލާއިރު، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ވަޔާއި ފެން ތަޣައްޔަރު ވުމާއި، ރަށް ގިރުން ފަދަ މައްސަލަތައް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ޤައުމުތަކުގެ ޚިޔާލު ބަދަލުކުރުމަށާއި ސަކެޕްގެ މެންބަރު ޤައުމުތަކުން ރާއްޖެއަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތައް ކުޑަ ކުރުމުގައި މަސައްކަތް ކޮށް އެހީތެރިވެދިނުމަށް ވަޒީރުވަނީ ގޮވާލައްވާފައެވެ.

އަދި މިފަދަ މައްސަލަތައް މަދުކުރުމަށް ރާއްޖޭގެ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ވަޒީރު ވަނީ ސަކެޕްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް މިނިސްޓަރގެ ވާހަކައިގައި އަލި އަޅުވައިލެއްވިއެވެ.

މީގެއިތުރުން ސަކެޕްގެ އުސޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް މިނިސްޓަރ ޠާރިޤު ވަނީ މެންބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.

"ޤައުމުތަކުގެ ސަރަޙައްދީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަންނަމުންދާ ބަދަލުތަކަށް، ސަރަޙައްދީ ތިމާވެށީގެ ޖަމިއްޔާއެއް ގޮތުގައި ސަކެޕް ވެފައިވާއިރު، އެބަދަލުތަކަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ. ޕްރޮއެކްޓިވް ރޯލްތައް އަދާކުރުމުގަޔާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްވެ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލާ މަސައްކަތް ކުރެވޭނެ ޖަމްއިއްޔާއަކަށް ސަކެޕް ހެދުމަށްޓަކައި އުސޫލުތައް އިސްލާހުކޮށް ރީސްޓްރަކްޗަރ ކުރުމަކީ މުހިއްމުކަމެއް. ޒަމާނާ ގުޅޭ ގޮތަށް ސަކެޕް އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، ހުރިހާ މެންބަރު ޤައުމުތަކަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން." މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

1987 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދާ ސަކެޕް ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މިއަހަރު މިބޭއްވީ ސަކެޕްގެ 16 ވަނަ ބައްދަލުވުމެވެ.