ކުޅިވަރު

ސްލޮވާކިއާ - ރޮމޭނިއާ: ވަރުގަދަ ހަނގުރާމައެއް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީހުގައި ހަތަރު ޓީމެއް ތިން ޕޮއިންޓުން އެއްވަރުވެ ގްރޫޕުގެ ފަހު މެޗުތައް އެއްވަގުތެއްގައި ކުޅެން ޖެހުމަކީ މުޅިން އާކަމެކެވެ. މީގެ ކުރިން މުބާރާތުގެ ތާރީހުގައި ފެނިފައިވާ ކަމެއްނޫނެވެ. ނަމަވެސް ޖަރުމަނުގެ ފްރޭންކްފާޓްގައި ރޮމޭނިޔާ އާއި ސްލޮވާކިޔާ އަށް ވެސް މިހާރު ޖެހިފައިވަނީ މި ހަގީގަތާ ކުރިމަތިލުމަށެވެ.

މިރޭގެ މެޗު ކާމިޔާބުކޮށްގެން ދެ ޓީމަށް ވެސް ދެވަނަ ބުރު ޔަގީން ކުރެވޭނެ އެވެ. މެޗު އެއްވަރުވެއްޖެނަމަ އެޑްވާންޓޭޖް ބޮޑީ ރޮމޭނިޔާ އަށެވެ. ސަބަބަކީ އެމީހުން ޔުކްރޭން ކޮޅަށް ޖެހި ތިން ގޯލާއެކު އަދިވެސް ފައިދާ ގޯލެއް އޮތުމެވެ. މިއާ ހިލާފަށް ސްލޮވާކިޔާ އަށް ފައިދާ ގޯލެއްނެތެވެ. ނަމަވެސް ހެޑް ޓު ހެޑުން ރޮމޭނިޔާގެ މައްޗަށް ސްލޮވާކިޔާ އަށް މޮޅުވެގެން ކުރި ހޯދޭނެ އެވެ. އަނެއްކޮޅުން މި ގްރޫޕުގައި ބެލްޖިއަމާއި ޔުކްރޭން ބައްދަލުކުރާ މެޗުން ބެލްޖިއަމް މޮޅުވެފައި ރޮމޭނިޔާ މެޗު އެއްވަރުވިޔަސް ގްރޫޕުގެ ދެ ވަނަ ލިބޭނީ ރޮމޭނިޔާ އަށެވެ.

މި މެޗަށް ނުކުންނައިރު ރޮމޭނިޔާ މިހާތަނަށް ދައްކާފައިވާ ކުޅުމާމެދު ކޯޗު އިއޮޑެނެސްކީ ކުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭނާގެ އޮތީ އެންމެ ޝަކުވާ އެކެވެ. އެއީ މެޗަށް ތައްޔާރުވާން ދެ ޓީމަށް ލިބުނު ދުވަސްތަކެވެ. ސްލޮވާކިޔާ އަށް އެއް ދުވަސް އަރާމުކުރަން އިތުރަށް ލިބުމަކީ އިއޮޑެނެސްކޫ ދެކޭ ގޮތުގައި އިދިކޮޅު ޓީމަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. ނަމަވެސް ކޯޗު ބުނީ މަސައްކަތް ކުރާނީ ބަހަނާ ނުދައްކައި މޮޅުވާން ކަމަށާއި އެކަން ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އޭނާގެ ޓީމުގައި ފުރިހަމަކުރާނެ ކަމަށެވެ.

އަނެއްކޮޅުން ސްލޮވާކިޔާގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ ކަލްޒޯނާ ބުނީ އޭނާގެ ޓީމުން މިހާތަނަށް ނެރެފައިވާ ނަތީޖާ އާއި ދައްކާފައިވާ ކުޅުމަށް ބަލާއިރު މުބާރާތުގެ ދެ ވަނަ ބުޅު ކުޅެން ފުރުސަތު ލިބެންޖެހޭ ކަމަށެވެ. މެޗަށް ނުކުންނާނީ މޮޅުވާން އަޒުމް ކަނޑައަޅައިގެން ކަމަށާއި އެއްވަރުވެގެން ކަމެއް ހާސިލްކުރުމުގެ ފުރުސަތު އޮތަސް އެހާ ހަނި ފުރުސަތަކަށް ނުވިސްނާނެ ކަމަށެވެ.

ކަލްޒޯނާ އަކީ މިހާތަނަށް މި މުބާރާތުގައި ބަދަލުނުވާ ފުރަތަމަ 11 ދެ މެޗަށް ވެސް ނެރެފައިވާ ކޯޗެކެވެ. އޭނާ ބުނީ ތިން ވަނަ މެޗާ ކުރިމަތިލާއިރު ވެސް ޓީމުގައި އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލައެއް ނެތް ކަމަށާއި މިހެންވެ ފުރަތަމަ 11 ބަދަލުކުރަން ނުޖެހޭނެ ކަމަށެވެ.

މި ދެ ޓީމު މިހާތަނަށް ވަނީ 11 ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ރޮމޭނިޔާ ފަސް މެޗުން މޮޅުވެފައިވާއިރު އަނެއް ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ. ސްލޮވާކިޔާ މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއްކޮޅުން ވާދަވެރި މުބާރާތްތަކުގައި މި ދެ ގައުމު ހަތަރު ފަހަރު ބައްދަލުކުރި އިރު ވެސް ސްލޮވާކިޔާ އަށް މޮޅެއްވެވިފައިނެތެވެ. ނަމަވެސް ކޯޗު ބުނީ މާޒީ އަކީ ފުޓްބޯޅަ މެޗެއްގެ ނަތީޖާ ނެރެން މާމުހިންމު އެއްޗެއް ނޫން ކަމަށާއި ދުނިޔޭގެ އެތައް ކަމެއް މިހާރު ބަދަލުވަމުންދާ ކަމަށެވެ. ކުރި ލިބޭނީ އެކަމަށް ބޭނުންވެގެން ގަދަ އަޅައި މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ.

ރޮމޭނިޔާ އަކީ ވެސް ޔޫރޯގައި މި ފަހރުގެ ތާރީހުގައި ދެ ވަނަ ބުރާ ރައްޓެހި ޓީމެއްނޫނެވެ. އެންމެ ފަހުން އެމީހުން ކުޅުނު ފަސް މުބާރާތަށް ބަލާއިރު ކުއާޓާ ފައިނަލަށް ދެވުނީ 2000 ވަނަ އަހަރު އެކަންޏެވެ. 1984 އާއި 1996 އަދި 2008 އާއި 2016ގައި ރޮމޭނިޔާ ރަށަށް ދިޔައީ ފުރަތަމަ ބުރުން ކަޓައިގެންނެވެ.