ޚަބަރު

ޙައްޖު ކޯޕަރޭޝަނާއެކު ޙައްޖައް ދިޔަ ހުރިހާ ޙައްޖާޖީން ވެކްސިން ފުރިހަމަކުރި: ޙައްޖު ކޯޕަރޭޝަން


  • ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ޓްރެވެލް ހުރިހާ ވެކްސިނެއް ހައްޖާޖީން ފުރިހަމަކުރި ކަމަށް

  • ރާއްޖެއިން މިއަހަރު ޙައްޖު ކޯޕަރޭޝަން ބެލުމުގެ ދަށުން 1150 ޙައްޖާޖީން ސައުދީއަށް ދިޔަ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1445 ވަނަ އަހަރު ޙައްޖަށް ދިޔަ ހުރިހާ މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެވެ.

ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ފުރި ހުރިހާ މީހުންވެސް ޙައްޖަށް ދިޔައީ، ސައުދި އަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޓްރެވެލް ވެކްސިންތައް ކަމަށްވާ، ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ޙައްޖާޖީން ފުރިހަމަ ކުރިކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެކޯޕަރޭޝަނުން ޚާއްސަ އިސްކަމެއްދޭކަން ކަމަށެވެ.

ރާއްޖެއިން މިއަހަރު ޙައްޖު ކޯޕަރޭޝަންގެ އެހީގައި 1150 މީހުން ދިޔައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ 50 ވަރަކަށް މީހުން ތިބިއިރު މީގެ ތެރޭގައި ކެންސަރާއި ކިޑްނީ ބަލިފަދަ ބޮޑެތި ބަލަިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނެއެވެ. އަދި އުމުރުން 70 އަހަރުން މަތީގެ ގިނަ މީހުން ތިބިިއިރު ފުރޮޅުލީ ގޮނޑީގައި ޙައްޖުވި މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. މިފަރާތްތަކަށް އެހީވުމަށް އޮން ކޯލް ޞިއްޙީ ޚިދުމަތްތެރިން ތިބިއިރު، ޙައްޖުވެރިންގެ ޞިއްޙީ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެކޯޕަރޭޝަނުން ވަނީ އަޅާފައެވެ.