ނުރައްކާތެރި ތަކެތި ދެނެގަނެ، އެތަކެއްޗާމެދު ރައްކާތެރިގޮތުގައި ޢަމަލުކުރާނެ ގޮތް ދަސްކޮށްދޭ "އެޑްވާންސްޑް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" 27 ސިފައިން ފުރިހަމަކޮށްފިއެވެ.
ކޯހުގައި ބައިވެރިވި 27 ސިފައިންގެ ތެރޭގައި ހަތަރު އަންހެން ސިފައިން ވެސް ހިމެނެއެވެ. ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވީ އެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުންނެވެ.
އެޑްވާންސް އީއޯޑީ ކޯހަކީ، އެމްކިޔުއޭ ލެވެލް 3ގެ ފެންވަރު ކޯހެކެވެ. މި ކޯހުގައި ކޮންވެންޝަނަލް އެމިޔުނިޝަން ޑިސްޕޯސަލްއާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައި ދީފައިވެއެވެ.
ކޯސްފުރިހަމަކުރި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިން ވަނީ ކޯހުގެ ޑެމޮންސްޓްރޭޝަނެއް ހުށައަޅައިދީފައެވެ.
ކޯސް ފުރިހަމަކުރި ސިފައިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހެޑްކުއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އަރމީ ޗީފް އޮފް ފީލްޑް އިންޖިނިއަރ، މޭޖަރ ޖެނެރަލް ޕީޕީއޭ ޕެރޭރާއާއި އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި ކޯހުގެ އޮނަރ ގްރެޖުއޭޓް އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް ޙުސައިން ޒަޔާންއެވެ. މި ކޯހުގެ ސެކަންޑް އިން މެރިޓް ލާންސް ކޯޕްރަލް މުޙައްމަދު ޝާވިން ހޯދާފައިވާއިރު، ކޯހުގެ ތާޑް އިން މެރިޓް ހޯދާފައިވަނީ ޕްރައިވެޓް ޝަހުދާ އަބޫބަކުރުއެވެ. ކޯހުގެ ބެސްޓް އައިއީޑީއަކަށް ހޮވިފައި ވަނީ ލާންސް ކޯޕްރަލް ޒަޔާން ޒަކަރިއްޔާއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. އަދި ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި، އެޑްވާންސްޑް އީއޯޑީ ކޯހުގެ ބެޖު ހަވާލުކޮށްދެއްވީ ސްރީލަންކާ އަރމީ ޗީފް އޮފް ފީލްޑް އިންޖިނިއަރ، މޭޖަރ ޖެނެރަލް ޕީޕީއޭ ޕެރޭރާއެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑިީއެފް އަދުނާނު ޢަލީގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.