ޚަބަރު

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް އަންނަ މަހު 6 ގައި ބާއްވަނީ


  • މިއީ މި ފޯރަމް ބާއްވާ 2 ވަނަ ފަހަރު

  • މެރިންގ އިންޑަސްޓްރީގައި ހުރި މައްސަލަތައް ޙައްލުކޮށް ހުރި ފުރުޞަތުތައް ދެނެގަންނާނެ

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މެރިން އިންޑަސްޓްރީގެ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ މިފޯރަމް ބާއްވާ މިއީ ދެވަނަ އަހަރެވެ.

ރާއްޖޭގެ މެރިން އިންޑަސްޓްރީ ކުރިއެރުވުމަށް މަޤުބޫލު މަސައްކަތްތަކެއް ކުރާ މީޑިއަމް އިވެންޓްސްއިން އަންނަނީ މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް 2024 ގެ ނަމުގައި ޚާއްސަ ފޯރަމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެކުންފުނިންގ މިފޯރަމް ބާއްވަނީ މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނާއި ގުޅިގެންނެވެ.

މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގައެވެ. ދާއިރާގެ ތަޖުރިބާކާރުންނާއި ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ވިޔަފާރިތަކުން ބައިވެރިވާ މި ފޯރަމްގައި މެރިން އިންޑަސްޓްރީގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

4 ދާއިރާއަކަށް މަޢުޟޫތައް ކަނޑައަޅާއިގެން މިއަހަރު ކުރިއަށްގެންދާ ފޯރަމްގައި ކާގޯ މެނޭޖްކުރުމާއި ގުޅޭގޮތުންނާއި، ބޯޓިންގ ދާއިރާ އިތުރަށް މާކެޓް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނާއި، ކުރިއަށް އޮތްތަނުގައި މިދާއިރާ ކުރިއަރުވާނެ ގޮތްތަކާއި، މީގެއިތުރުން ރާއްޖޭގައި އުފައްދާ ކަނޑު އުޅަނދުތައް ރާއްޖެއިން ބޭރަށް މާކެޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފޯރަމްގެ ތެރެއިން ދާއިރާގެ އެކި ފަރާތްތަކުގެ މެދުގައި ގުޅުން ރަނގަޅުވެ އޭގެ ސަބަބުން ވިޔަފާރިއަށް މަގުފަހިވެ އިޤްތިޞާދަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީ އަމާޒެއްކަމަށް މިކަން އިންތިޒާމުކުރާ ކުންފުނިން ބުނެއެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2023 ވަނަ އަހަރުގައެވެ. ރާއްޖޭގައި މެރިން ދާއިރާ އިތުރަށް ކުރިއަރުވާ ހުރި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް އޭގެ ހެޔޮ ބަދަލު ގެނައުމަށް މިދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.