ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ގިނަ މަސައްކަތްތަކެއް


  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރަން އުސޫލެއް

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކޮށް، މަސައްކަތް ކުރުމުގައި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ގިނަ މަސައްކަތްތަކެއް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒަރާއިން ދަނީ ކުރަމުންނެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ވަނީ މި އަހަރުގެ ތެރޭގައި ވަނީ އާންމުކޮށްފައެވެ.

މިގަވާއިދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭވެސް އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ހޯދާދިނުމުގެ ޙައްޤު ލިއްބައިދިނުމަށްޓަކާ އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޙައްޤު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލި ގަވާއިދެއް ކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެވުޒާރާއާއި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިވެ، މަސައްކަތުގެ މައިދާނުގައި ބޭނުންވާ ތަޖުރިބާ ލިބިގެންދާނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަށް ވެގެންދިއުމަށް މަގުފަހިވެގެން ދާނެކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތްތަކާ ގުޅުވައިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައެވެ.

މި އެއްބަސްވުމުގެ ދަށުން އެފަދަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބި، މަސައްކަތުގެ މައިދާނުގައި އުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއެއްބަސްވުމާ ގުޅިގެން އެމްއޭސީއެލްއިިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަޖުރިބާ އެންމެ ފުރިހަމަގޮތުގައި އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭނެކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއި ކެއަރ ސޮސައިޓީއާއި ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެެއީ އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ހިންގާ ދެމަސް ދުވަހުގެ ތަމްރީން ޕްރޮގްރާމްއެކެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެ ޕްރޮގްރާމްއެކެވެ. އަދި އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެވުޒާރާއިން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު އެހެން މުއައްސަސާތަކާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.