ޚަބަރު

މިހާތަނަށް ދެއްކި ކުޅުމަށްވުރެ މޮޅަށް އިޓަލީއަށް ކުޅެވޭނެ: ސްޕަލެއްޓީ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ކްރޮއޭޝިއާ އާ 1-1 އިން އެއްވަރުވި މެޗަށްފަހު އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ބުނީ، އޭނާގެ ޓީމުން މިހާތަނަށް ދެއްކި ކުޅުމަށްވުރެ މޮޅަށް ކުޅެވޭނެ ކަމަށާއި، އިތުރަށް ރަނގަޅު ކުރެވެން ވާނެ ކަމަށެވެ.

ކްރޮއޭޝިއާ މެޗުގައި ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެއްވަރުކުރުމަށް ވައްދާލި ލަނޑާ ގުޅޭގޮތުން ބުނީ، އެ ކަހަލަ މެޗުތަކުގައި ކުޅުމުގެ ގާބިލްކަން ހުރި ކުޅުންތެރިން އިޓަލީގައި ތިބިކަމަށާއި، އެކަމަކު މާގިނައިން ކުދި ކުދި ގޯސްތައް ހެދެނީ ކަމަށް ސްޕަލެއްޓީ ބުންޏެވެ.

މެޗުގެ ކުޅުމާ ބެހޭގޮތުން ސްޕަލެއްޓީ ބުނީ، މެޗުތަކުގެ އެންމެ ފަހުވަގުތުގައި ނަތީޖާ އަނބުރާލެވުމަކީ އިތުރަށް ފޯރިގަދަވެގެންދާ ކަމެއް ކަމަށާއި، އެހެން އެއްވެސް މީހަކު ގަބޫލުނުކުރިނަމަވެސް އޭނާގެ ކުޅުންތެރިން އެގޮތަށް މަސައްކަތްކޮށް، އެކަންތައް ހާސިލްކުރުމުން ޝުކުރުވެރިވެ، މަރުހަބާ ކިޔާ ކަމަށެވެ.

އަދި ކުރިއަށް އޮތް މެޗުތަކުގައި އޭނާގެ ކުޅުންތެރިންގެ ކިބައިން މިހާރަށްވުރެ ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށާއި، ހުރިހާ ކަމެއް ބެލެންސްކުރަންވާނެ ކަމަށް ވެސް ސްޕަލެއްޓީ ބުންޏެވެ.

އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޮރީ ބުނީ، މެޗުގައި ކަންތައް ހިނގައިދިޔަ ގޮތުން ބަޔާންކުރަން ނޭނގޭ ފަދަ އިހުސާސްތަކެއް ކުރެވިފައިވާ ކަމަށާއި، އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި އޭނާގެ ޓީމަށް އެ ގޯލު ހައްގު ކަމަށް ވެސް ކަލަފިއޮރީ ބުންޏެވެ.

ކަލަފިއޮރީ ވަނީ، އިޓަލީ އަށް އެގޮތަށް ކުޅެވިދާނެކަން ސާބިތުކޮށްދީފައިވާ ކަމަށާއި، އެގޮތުގައި ކުރިއަށްދާން ޖެހޭ ކަމަށް ވެސް ބުނެފައެވެ.