ޚަބަރު

ކްރޮއޭޝިއާއަށް ދެ މެޗުގައިވެސް މައްސަލަ ދިމާވީ ފަހު ވަގުތު: ޑަލިޗް


"
ފުރަތަމަ ހާފުގައި އަހަރެމެން ރަނގަޅަށް ކުޅުނިން، އެ ހާފުގައި ޓީމު ކޮޅަށް ލަނޑެއް ވަނަނުދީ ހުއްޓުވުނު،
ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ އިޓަލީ އާ 1-1 އިން އެއްވަރުވި މެޗަށްފަހު ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް ވަނީ، އެ ޓީމުން ކުޅުނު ދެ މެޗެއްގައި މައްސަލަތައް ކުރިމަތިވީ ފަހު ވަގުތުގައި ކަމަށާއި، އެހެން އެގޮތަށް ދިމާވުމުން މުބާރާތުން ދެން ކުރިއަށްދެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައެވެ.

"އަހަރެމެންނަށް މައްސަލަތައް ކުރިމަތިވީ ދެ މެޗުގައި ވެސް ފަހުވަގުތު،" ޑަލިޗް ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް ބުނީ، އިޓަލީއާ ދެކޮޅަށް އޭނާގެ ޓީމުން މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ހާއްސަކޮށް ކުރީ ދެ މެޗާ ހިލާފަށް ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލެވުނު ކަމަށެވެ.

ޑަލިޗް ބުނީ، މިދިޔަ މެޗުތަކުގައި އޭނާގެ ޓީމަށް ދެ ޕެނަލްޓީ ލިބި ކާމިޔާބު ނުކުރެވުނު ކަމަށާއި، އިތުރު ވަގުތުގައި ޓީމު ކޮޅަށް ދެ ލަނޑުވަދެފައިވާ ކަމަށެވެ.

ހަމައެކަނި ކުރެވެން އޮތް ކަމަކީ ޓީމުން ކުރި މަސައްކަތަށާއި ދެއްކި ކުޅުމަށް ޝުކުރުވެރިވެ، މަރުހަބާ ކިޔުން އެކަނި ކަމަށް ވެސް ޑަލިޗް ބުންޏެވެ. އަދި، ޓީމަށް ތަރުހީބުދިން އެންމެންނަށް ޝުކުރުވެރިވާ ކަމަށާއި، އެ މީހުން ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ނުހޯދުމުން މާޔޫސްވާކަމަށް ވެސް ޑަލިޗް ވަނީ ބުނެފައެވެ.

މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ސަޕޯޓަރުން ތިބީ ކްރޮއޭޝިއާ އާއެކު ކަމަށް ގަބޫލުކުރާ ކަމަށާއި، އެކަން އެގޮތަށް ފެނިގެންދިޔަ ކަމަށް ވެސް ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް ބުނީ، މެޗު ފެށިގެން ނިމެންދެން ސަޕޯޓަރުން އެއް ރޫޚެއްގައި ތަރުހީބު ދޭން ތިބި ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ހާލުގައި ބޭނުންވި ފަދަ ނަތީޖާ އަކާއެކު ދެވަނަ ބުރަށް ދަތުރު ނުކުރެވެމުން މަޢާފަށް އެދޭ ކަމަށެވެ. ދެ މެޗުގައި ވެސް އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކޮޅަށް ލަނޑެއް ވަދެފައިވުމުން މިއީ އެމީހުންގެ ފަހަރެއް ނޫންކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.