ޚަބަރު

އިންގްލަންޑުގެ ކުޅުން ރަނގަޅުކުރަންޖެހޭ ކަމަށް ގަބޫލުކުރަން: ސައުތުގޭޓް


"
އަހަރެމެންގެ މޯޓިވޭޝަން ލެވެލްއާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތް،
އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވީނިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ބުނީ، އިންގްލެންޑްގެ ކުޅުން ރަނގަޅު ކުރަންޖެހޭކަން އެނގޭކަމަށާއި، ލިބިފައިވާ ޕޮއިންޓާއި ޖެހި ގޯލަށް ބަލާއިރު މިހާރު އޮތީ އެންމެ ފަހުގެ ޔޫރޯގައި އެޓީމު އޮތް ހާލަތުގައި ކަމަށެވެ.

ސައުތުގޭޓް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން، ސައުތުގޭޓް ވަނީ، ކުރީ މުބާރާތުގައި ދެ މެޗަށްފަހު އެ ޓީމު އޮތް ހާލަތުގައި އޮތުމަކުން މާބޮޑު ހާސްކަމެއް ނެތް ކަމަށް ބުނެފައެވެ. އަދި އިންގްލެންޑުން މިހާތަނަށް ކުޅުނު މެޗުތަކުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅުކޮށް، ޓީމުގެ ކޮލިޓީއާ މެދު މިހާރަށްވުރެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ސައުތުގޭޓް ބުންޏެވެ.

މިހާތަނަށް ކުޅުނު މެޗުތަކުގައި އޭނާ އެންމެ ބޭނުންވާފަދަ ކުޅުމެއް ދެއްކިފައިނުވިޔަސް، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ކޮލިފައިވުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް ސައުތުގޭޓްގެ ވާހަކައިގައި ފާހަގަކުރިއެވެ. އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެހެންވެ މެޗާމެދު އޭނާގެ ޓީމުގެ މޯޓިވޭޝަން ހުރީ އެންމެ ރަނގަޅަށް ކަމަށާއި، އެކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވެސް ސައުތުގޭޓް ބުނެފައިވެއެވެ.

އިންގްލެންޑް ޓީމުގައި ހިމެނޭ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ލޫކް ޝޯގެ ފިޓްނަސްއާ ބެހޭގޮތުން ސައުތުގޭޓް ބުނީ، ޝޯ ކޮންމެވެސް ވަރަކަށް ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށާއި، މެޗަށް ނިކުންނަ ސްކޮޑުގައި ހިމެނޭނެ ކަމަށެވެ. އެކަމަކު، އެ މެޗުގައި ޝޯ ފެނިގެންދާނެ ކަމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، މިވަގުތަށް އަނިޔާގެ އިތުރު މައްސަލައެއް ނެތް ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

ސައުތުގޭޓް ވަނީ، ސްލޮވީނިއާގައި ތިބީ ތަފާތު އެކި ޕްރޮފައިލްގެ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންގެ ފަރާތުން ކުރިމަތިކުރުވާނެ ގޮންޖެހުންތަކަށް އިންގްލެންޑުން ވަރަށް ބޮޑަށް ސަމާލުވެ، ތައްޔާރުވެ ތިބެންޖެހޭނެ ކަމަށް ބުނެފައެވެ. އެގޮތުން، ހާއްސަކޮށް އެޓޭކިންގ އޭރިޔާތަކުގައި އެ ޓީމުގައި ހިމެނޭ ރަނގަޅު ކުޅުންތެރިންނަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްލޮވީނިއާ އާ ދެކޮޅަށް އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.