ޚަބަރު

ސިނަމާލޭ ފްލެޓުން އާތު ދަގަނޑުތަކެއް ވަގަށް ނެގި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި


  • ދަނގަޑުތައް ވަގަށް ނެގީ އެޢިމާރާތުގައި އުޅޭ 3 ފިރިހެނުން

  • އެމީހުން މިހާރުވަނީ ހައްޔަރުކޮށްފައި

ސިނަމާލޭ ފްލެޓެއްގެ ޓެރަސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަނގަޑުތަކެއް ވަގަށް ނެގި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ވަގަށް ނަގާފައިވަނީ ސިނަމާލޭ ފްލެޓު 3 ގެ ޓެރަސްމަތީ ހަރުކޮށްފައިވާ އާތު ދަގަނޑުތަކެއްކަމަށެވެ. އަދި މިތަކެތި ވަގަށް ނަގާފައިވަނީ އެ ޢިމާރާތުގައި ދިރިއުޅޭ 3 ފިރިހެނުންކަމަށާއި އެމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 5:01 ހާއިރެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދެ މީހުންނާއި، 42 އަހަރުގެ މީހެއްކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ ސިޓީގެ އެކި ސަރަޙައްދުތަކުން ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލޭގެ ބައެއް މިސްކިތްތަކުގައި ހުރި ފަންކާތަކެއްވެސް ވަގަށް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.