ބޯޓު ދަތުރުފަތުރުކުރުމުގެ ސިނާޢަތަކީ ރާއްޖެއަށް ބޭރުފައިސާ ވަންނަ ސިނާޢަތަކަށްވާއިރު، އެ ސިނާޢަތަށް މިހާރަށް ވުރެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސީފެއަރަރ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ޚާއްސަ މެހްމެނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސީފެއަރަރ އައިޑެންޓިޓީ ކާޑުގެ މައްސަލައަކީ 7 އަހަރު ވަންދެން ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.
މިމައްސަލައަށް މިސަރުކާރުން 7 މަސް ދުވަހުގެ ތެރޭގައި ހައްލެއް ހޯއްދަވައި ދެއްވުމުން ސާބިތުވަނީ، އިޚްލާސްތެރިކަމާއެކު ސަރުކާރަކުން މައްސަލައެއް ހައްލުކުރަން އުޅެފިއްޔާ އެކަން ކުރެވޭނެކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ކުރިން ބޯޓު ދަތުރުކުރުމުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ، ޤައުމެއް ތަރައްޤީވުމުގައި ހިމެނެނީ އެންމެ ސިނާޢަތެއް ނޫން ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި އެހެނިހެން ސިނާޢަތްތަކާއެކު ދަތުފަތުރުކުރުމުގެ ސިނާޢަތްވެސް އޭގެ ތެރޭގައި ހިމެނޭކަމަށެވެ.
އަދި މި ސިނާޢަތަކީ ދިވެހި ރާއްޖެއަށް ބޭރުފައިސާ ވަންނަ އެއް ސިނާޢަތްކަން ފާހަގަކުރައްވާ މިސިނާޢަތަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދޭން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
" ބޭރު ފައިސާ ދިވެހި ރާއްޖެއަށް ވަންނަ އެއް ދާއިރާ ދަތުރުފަތުރު ކުރުމުގެ ދައިރާއަކީ. އެހެން ކަމުން މިކަމަށް މިހާރަށް ވުރެ ބޮޑަށް އިސްކަމެއް ދޭން ޖެހޭ. " އަބްދުއްރަހީމް ވިދާޅުވިއެވެ
މީގެ އިތުރުން އަބްދުއްރަހީމް ވަނީ ސީމަނުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
މިރަސްމިއްޔާތުގައި ބޯޓުދަތުރުކުރުމުގެ ދާއިރާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާއެއްވެސް ވަނީ އަރުވާފައެވެ.