ބޯޓު ދަތުރުކުރާ މީހުންނަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްފެންވަރަށް ދޭން ފެށި ސީ ފެއަރަރސް ކާޑާއެކު، ދަތުރުކުރާ ޤައުމުތަކުން އެމީހުން ބަލައިގަތުމުގައި ކުރިން ކުރިމަތިވި މައްސަލަ ހައްލުވެގެންދާނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ސީފެއަރަރ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން އައިއެލްއޯގެ މުއާހަދާއާ އެއްގޮތްވާގޮތުގެ މަތިން ބޯޓު ދަތުރުކުރާ މީހުންގެ ކާޑު ރާއްޖެއިން ނުލިބޭތާ ގާތްގަޑަކަށް 8 އަހަރު ވެއްޖެކަމަށެވެ. މިއީ ސީމަނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށްވާއިރު، ނިމުނު ދެ ވެރިކަމުގައިވެސް އެ މައްސަލަ ހައްލުކޮށްދީފައި ނުވާކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި، ސީމަނުން ހުށައެޅި އެންމެ މުހިންމު ކަމަކީ އެމީހުންގެ އައިއެލްއޯ އައިޑީ ކާޑް ލިބޭނެ ގޮތް ރާއްޖެއިން ހަމަޖައްސައިދިނުން ކަމަށެވެ. މިކާޑު ނެތުމުގެ ސަބަބުން ބޯޓު ދަތުރުކުރާ ބައެއް ޤައުމުތަކުގައި އިދާރީ ގިނަ ދަތިތަކެއް އެމީހުންނަށް ކުރިމަތިވާކަމަށެވެ.
"އައިއެލްއޯ ކާޑް ލިބުމުން ބްރެޒިލް ފަދަ ބޮޑެތި ޤައުމުތަކަށް ދިއުމާ ނުވަތަ އެއްވެސް އިންޓަރނޭޝަނަލް ލައިނެއްގައި މަސައްކަތް ކުރާއިރު އިދާރީ މައްސަލައެއް ދިމާ ނުވާނެ. އަޅުގަނޑު ބުނިން މިއަހަރު ޖޫންއާއި ހަމައަށް ދާއިރު ކާޑުގެ މައްސަލަ ހައްލު ކޮށްދޭނެކަމަށް. މިހާރު މިވަނީ މައްސަލަ ހައްލުކޮށްދީފައި." ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިމައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށާއި، މިމަސައްކަތް އަވަސްކުރުމަށް ބޭނުންވާ ބަޖެޓުވެސް ހަމަޖައްސަވައި
ދެއްވިކަމަށެވެ.
މިވޭތުވެދިޔަ 8 ވަރަކަށް މަސްދުވަހު ވުޒާރާއާއި ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން މިހާރު ވަނީ ރާއްޖެއިން އައިއެލްއޯ ސީފެއަރަރ ކާޑް ލިބޭނެ ގޮތް ހަމަޖައްސާފައެވެ. ވަޒީރު ވިދާޅުވީ މިއިން ފެނިގެންދިޔައީ، ކަމެއް ރަނގަޅުގޮތުގައި ކޮށްދޭން އުޅެފިނަމަ އެކަމެއް ހާސިލުކުރެވޭނެކަން ކަމަށެވެ. އަދި މިމަސައްކަތަށް ހޭދަކުރަންޖެހުނީވެސް ފަސްލައްކައެއްހާ ރުފިޔާކަމަށް މުޙައްމަދު އަމީން ވިދާޅުވިއެވެ.
"މިހާރު ދަފްތަރުގައި ތިބި މީހުންނަށް މާދަމާއިން ފެށިގެން ވުޒާރާގެ އޮފީހުން ކާޑު ލިބޭނެ. ބައެއް މީހުން އެބަތިބި ދަފުތަރުގައި ޖެހެން ބޭނުން ނުވެފައި، އެ އިތުބާރު ކުރިން ނެތުމުގެ ސަބަބުން. އަޅުގަނޑު ބުނާނީ މިހާރު އަވަހަށް ދަފުތަރުގައި ޖެހޭށޭ، މިހާރު ކާޑު ލިބޭނެއޭ." ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބޯޓު ދަތުރުކުރާ މީހުންނަށް މި ވޭތުވެދިޔަ އަހަރުތަކުގައި ދިމާވި މައްސަލަތަކާއެކު ބައެއް މީހުންގެ ވަޒީފާތައްވެސް ގެއްލުނުކަމަށެވެ. އަދި އަލަށް މި ދާއިރާއަށް ނިކުންނަން ބޭނުންވި މީހުންނަށްވެސް ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. ނަމަވެސް މިހާރު ބޯޓުދަތުރުކުރުމުގެ ދާއިރާއަށް ނިކުންނަށް ބޭނުންވާ މީހުންނަށް ފަހި ފުރުޞަތެއް ހުޅުވާލެވިފައިވާކަމަށެވެ.