ޚަބަރު

ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަން ރައީސް ނިންމަވައިފި


  • އާމްދަނީ އިތުރުކުރުމާ ގުޅޭ ކަންކަން ވަޒީރުންގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދަން ނިންމެވި

ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު
ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ނިންމަވާފައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޚަރަދުތައް ފޫބައްދާނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.