ކައުންސިލްތަކަށް ދޭންޖެހޭ އެއްވެސް ބާރެއް ހިފެހެއްޓުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅުއްވާނެ ކަމަށާއި، ރައްޔިތުންނަށް ދެވޭނެ ހުރިހާ ޚިދުމަތްތަކެއް ދިނުމުގެ ބާރު ކައުންސިލްތަކަށް ދެމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކައުންސިލްތަކަށް ކުނި މެނޭޖުކުރާ ވެހިކަލް ހަދިޔާކުރުމުގެ މަސައްކަތުގެ ދަށުން، މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސިޓީތަކާއި އިދާރި ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ސިޓީ ކައުންސިލަށް ހަދިޔާކުރީ 2.5 ޓަނުގެ ޑަމްޕް ލޮރީއެކެވެ. މިއީ ކުނި ކަހާ މަގުތައް ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުންކުރާ ލޮރީއެކެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބޭނުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކައުންސިލްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމާއެކު އަމިއްލައަށް އާމްދަނީ ހޯދޭނެ ބާރުވެރި ކައުންސިލްތަކެއްގެ ގޮތުގައި ހެދުންކަމަށެވެ.
ވަޒީރު ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ވަރަށް ގިނަ ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ އަބަދުވެސް ލިބެމުންދާކަމަށެވެ. އެކަން ޙައްލުކުރުމަށް އެވުޒާރާއާއި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުނި މެނޭޖުކުރުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ އުޅަނދުތައް ކައުންސިލްތަކަށް ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން ހުރިހާ ސިޓީތަކަށް ވެހިކަލް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
"މިހާރު މިވަނީ އައްޑޫ، ފުވައްމުލައް، މާލެ އަދި ކުޅުދުއްފުށި ސިޓީއަށް ވެހިކަލް ހަވާލުކޮށްފައި. ތިނަދޫއަށްވެސް ވަރަށް އަވަހަށް ވެހިކަލެއް ހަދިޔާކުރާނަން. ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތައް ބާރުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށްދިނުން." ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މި ވެހިކަލްތަކަކީ ޗައިނާ ސަރުކާރުގެ އެހީއާއެކު ރާއްޖެއަށް ހޯދާފައިވާ ވެހިކަލްތަކެކެވެ.
ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމު ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތަކުގައި ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެހީތެރިކަން ލިބެމުންދާކަމަށެވެ. އަދި މި ލިބުނު ވެހިކަލްތަކާއެކު، މާލެ ތެރެ ސާފުކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށެވެ.
"ވެމްކޯއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ވަރަށް ގިނަ މަސައްކަތްތައް މުޅި ދުވަހު އެބަކުރޭ. ދުވާލަކަށް 30-50 ޓަނުގެ ކުނި މާލެއިން އުކާލާ. އެހެންވީމަ ކުނި އުކާލުމުގެ މަސައްކަތަށް ފަސޭހަވާނެ." މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދެއްވަމުންނެވެ. އެގޮތުން އަތޮޅުތަކުގައި މުނިސިޕަލް ޚިދުމަތް ފުޅާކުރުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޔުނިޓެއް ޤާއިމުކުރަން ވަނީ ނިންމާފައެވެ.