ޚަބަރު

ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އައު ގޮތްތައް ބޭނުންކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • ވަޒީރު ފައިސަލް އާއި އެމްއެމްޕީއާރުސީގެ އެމްޑީވަނީ މަޝްވަރާކޮށްފައި

  • ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން

  • ތަފްސީލްތައް 2 ހަފްތާތެރޭ އިއުލާންކުރާނެ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ތަފާތު، އައު އީޖާދީ ގޮތްތައް ބޭނުންކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލްއާއި އެކު މަޝްވަރާކޮށްފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާޙީމް ޝިއުރީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވަމުންދާ ކަމަށެވެ.

އަދި އިޝްތިހާރުކުރުމުގައި ތަފާތު އިޖާދީގޮތްތައް ބޭނުންކުރަން ރާވާފައިވާ ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ. އަދި މިކަންތައްތަކާއި ގުޅޭ ތަފްސީލްތައް ކުރިއަށް އޮތް 2 ހަފްތާތެރޭ ހާމަކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތުގެ ދަށުން އެމްއެމްޕީއާރުސީން މިހާރުވެސް ދަނީ އިންޑިއާގައި ރޯޑް ޝޯވ އެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

"އެކްސްޕްލޯ މޯލްޑިވްސް" ގެ ނަމުގައި މިމަހުގެ 26 ވަނަ ދުވަހު ބާއްވާ ރޯޑް ޝޯވއަކީ އެމްއެމްޕީއާރްސީއާއި މަންޓާ އެއަރ އާ ގުޅިގެން ކުރިއަށް ގެންދާ ރޯޑުޝޯވއެކެވެ.