ޚަބަރު

ރަސްމާލޭގެ ޕްލޭނަށް ބަދަލެއް ނާންނާނެ; މިއަހަރުގެ ނިޔަލަށް ބޮޑުބައެއް ހިއްކާވެސް ނިމޭނެ: ރައީސް


  • ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެކަމަށް

  • މިއަހަރު ޑިސެމްބަރުމަހުގެ ނިޔަލަށް ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން ހިއްކާނެ

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ރަސްމާލޭގެ ބޮޑު ބައެއް މިއަހަރުގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުު ވަނީ ރަސްމާލެ މަޝްރޫޢަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ފެށި ރަސްމާލެ މަޝްރޫޢަކީ މާލެ ތޮއްޖެހުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދާދެއްވުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢެކެވެ. ނަމަވެސް މިދިޔަ މެއިމަހު މުޅި ދުނިޔެއަށް ކުރިމަތިވި ގާ ހުދުވުމުގެ މައްސަލައާ ސަރުކާރުން ވަނީ ރަސްމާލެ ހިމެނޭގޮތަށް ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓާލާފައެވެ.

ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުު ވިދާޅުވީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށެވެ. އެގޮތުން އަންނަ މަހު އެމަޝްރޫއު ފަށައި މިއަހަރު ޑިސެމްބަރުގެ ނިޔަލަށް 1100 ހެކްޓަރުގެ ބިން ހިއްކައި ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ޕްލޭން ކޮށްފައިވާގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއަހަރުގެ ޑިސެމްބަރުމަސް ނިމެންވާ އިރަށް އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ ފުރަތަމަ ވެސް ޕްލޭންކުރި ގޮތަށް، އެތަނުގެ އެއްހާސް އެއްސަތޭކަ ހެކްޓަރުގެ ބިން ހިއްކައި ނިންމުން، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރު ވެރިކަމުގެ މައްސަލަ ހަައްލު ކުރުމަށްޓަކައި ރަސްމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރު ފަޅު އަދި ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުބިނާކުރަން ހިއްކަން ނިންމަވާފައިވާ ބިންތައް ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދައުރު ނިމޭއިރު ގެދޮރުގެ ދަތިކަން ތަހައްމަލުކުރާ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ވިދާޅުވާ ވިދާޅުވުން އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ރަސްމާލެއަކީ 65000 ގެދޮރު ޔަގީންވާގޮތަށް ތަރައްޤީކުރަން ނިންމާފައިވާ ރަށެކެވެ.

މިމަޝްރޫޢުގެ ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުން އޮންނަ ޖާގައަށްވުރެ 3 ގުނަ ބޮޑުކޮށް ތަރައްޤީކުރާ ރަށެކެވެ. އަދި ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ހެދޭ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށެވެ. މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.