ޚަބަރު

ޙައްޖުވެރިން އައުމާ ދިމާކޮށް އެއަރޕޯޓުގެ ބާރު ބޮޑުވާނެތީ ފުރާމީހުން ގަޑިއަށް ސަމާލުވުމަށް އެދިއްޖެ


  • 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އެދޭ

  • މިއަދު 296 މީހަކު ރާއްޖެ އަންނާނެ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖާޖީން މިއަދު މާލެ އަންނަ ގަޑީގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތޮއްޖެހުން ބޮޑުވާނެތީ، އެއަރޕޯޓަށް ފުރަންދާ މީހުން ގަޑިއަށް ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑް، އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ، ޙައްޖައްދިޔަ މީހުން އެނބުރި އަންނާތީ އެއަރޕޯޓު ބާރުބޮޑުވާނެކަމަށެވެ. އެހެންކަމުން އެކި ތަންތަނަށް ފުރާ ފަރާއްތަކުން 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ގޮސް، ސްޓާފުންގެ އިރުޝާދުތަކާއި އެއްގޮތައް ފުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނާނީ 4 ދުވަހެއްގައެވެ. ދިވެހި ޙައްޖުވެރިންގެ ތެރެއިން 296 މީހަކު މިއަދު ރާއްޖެއައުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މީގެ އިތުރުން އަންނަމަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހުވެސް ޙައްޖާޖީން މާލެ އަންނާނެއެވެ.

ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް 1150 މީހުން ދިޔައެވެ.