ޚަބަރު

ބަދަލަކަށް ނުކުމެ، ލަނޑު ޖަހައިދޭނެ ކުޅުންތެރިން ތިބުން މުހިންމު: ނާގަލްސްމަން


"
ތެދަށް ބުނާނަމަ، އެ މެޗު އެއަށްވުރެ ރަނގަޅަށް ނުދިޔައީސް.
ޖަރުމަނުގެ ކެޕްޓަން، އިލްކާއި ގުންޑޮގާން

ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި ރޭ ސްވިޓްޒަލޭންޑްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ދެއްކި ވާހަކައިގައި، ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ވަނީ، މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ މުހިއްމު ގޯލްތައް ޖަހައިދޭނެ ކުޅުންތެރިން ތިބުން ވަރަށް މުހިއްމު ކަމަށް ބުނެފައެވެ.

ފަހުވަގުތު ސްވިޓްޒަލޭންޑް ކޮޅަށް ވައްދާލި ލަނޑުން އޭނާގެ ޓީމަށް އެ މެޗުން ލިބުނީ ހައްގު ޕޮއިންޓެއް ކަމަށް ވެސް ނާގަލްސްމަންގެ ވާހަކައިގައި ފާހަގަކުރިއެވެ. އެގޮތުން، ނާގަލްސްމަން ބުނީ، މެޗަށް އެނބުރި އަންނަން އޭނާގެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަތީޖާ އެއްވަރުކުރުމަކީ ހައްގު ނަތީޖާއެއް ކަމަށެވެ.

ސްވިޓްޒަލޭންޑަށް ތައުރީފުކޮށް ނާގަލްސްމަން ދެއްކި ވާހަކައިގައި ، އެ ޓީމަކީ މޮޅު ޓީމެއް ކަމަށާއި، ދެ ޓީމުގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ ވަރަށް ބަލާހިތްވާ ފަދަ ކުޅުމެއް ކަމަށް ބުނެފައެވެ. އަދި ޓެކްޓިކަލީ އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

އަދި، ކައުންޓާގައި ރިސްކު ނަގައިފިނަމަ ކޮޅަށް ލަނޑެއްވަނުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޖަރުމަނަށް ލަނޑުޖަހައިދިން ފޯވާޑް، ނިކްލަސް ފުލްކްރަގްގެ މުހިއްމުކަމާ ބެހޭގޮތުން ނާގަލްސްމަން ބުނީ، އޭނާގެ ފަރާތުން އަނެއްކާވެސް ރަނގަޅު ގޯލެއް ފެނިގެންގޮސްފި ކަމަށާއި، އެއީ އޭނާގެ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

ބެންޗުން އެ ފެންވަރުގެ ކުޅުންތެރިއަކު އެރުވޭތީވެ، ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ނިންމާލުމުގެ ކުރީން ނާގަލްސްމަން ބުނީ، މެޗުގެ ފުރަތަމަ އެގާރައެއް ނެގުމަށްޓަކައި އިދިކޮޅު ޓީމު ރަނގަޅަށް އެނަލައިޒްކުރާ ކަމަށާއި، އެއަށްފަހު ދެން ބެންޗުން ތަފާތު ކުޅުންތެރިން ގެނެވޭނެ ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖަރުމަނުގެ ކެޕްޓަން، އިލްކާއި ގުންޑޮގާން ބުނީ، ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު އެއަށްވުރެ ރަނގަޅަށް ނުދިޔައީސް ކަމަށާއި، އެއީ ހުރިހާ ގޮތަކުން ވެސް ވަރަށް އުނދަގޫ މެޗެއް ކަމަށެވެ.

ގުންޑޮގާން ވަނީ، އޭނާގެ ޓީމަށް މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބުނު ކަމަށާއި، ފަހުވަގުތު ވައްދާލި ލަނޑާއެކު ގްރޫޕުގެ އެއްވަނަ ލިބުމުން ކުރިއަށް އޮތް މެޗަށްދާއިރު އެކަމުގެ މުހިއްމުކަން ބޮޑުވާނެ ކަމަށް ބުނެފައެވެ.