ޚަބަރު

ބަލިނުވެ، ގްރޫޕް ސްޓޭޖު ނިންމާލެވުމުން އުފާވޭ: ޔަކީން


"
އަހަރެމެންގެ ސްޓްރައިކަރުން ވަރަށް ބުރަކޮށް މަސައްކަތްކުރި، އެޓޭކުތަކުގެ އިތުރުން ޑިފެންސްކުރަން ޖެހުނު ހާލަތްތަކުގައިވެސް
ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން

ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި ރޭ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ވަނީ، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މެޗަކުން ބަލިނުވެ، އަނެއް ބުރަށް ދެވުމުން ވަރަށް އުފާވާ ކަމަށް ބުނެފައެވެ.

ޔަކީން ބުނީ، އެއްވަރުވުމުން ގްރޫޕުގެ އެއްވަނަ ނުލިބުނުނަމަވެސް ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިން އެއް ރޫޚެއްގައި ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށާއި، ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށެވެ.

މެޗުގައި ހޯދީ ނަތީޖާއަށް އޭނާގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި، ފެނިގެންދިޔައީ ޓެކްޓިކަލީ މޮޅު މެޗެއް ކަމަށް ވެސް ޔަކީން ވަނީ ބުނެފައެވެ. އޭނާގެ ޓީމުން ކުރިމަތިލީ އުނދަގޫ ޓީމަކާ ކަމަށާއި، ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ހޯދީ ނަތީޖާގެ އިތުރުން ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ޔަކީން ބުންޏެވެ.

ޔަކީން ވަނީ، މެޗުގައި އޭނާގެ ފޯވާޑުން ދެއްކި ކުޅުމަށް ވެސް ތައުރީފުކޮށްފައެވެ. އަދި އޭނާ ވަނީ، ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ހަފްތާއެއްހާ ދުވަސް އެބައޮތް ކަމަށް ވެސް ފާހަގަކޮށްފައެވެ.

ސްވިޓްޒަލޭންޑްގެ ކެޕްޓަން، ގްރޭނިޓް ޒާކާ ބުނީ، މެޗެއްގައި ފަހުވަގުތު ލަނޑެއްވަނުމަކީ އަބަދުވެސް މާޔޫސްވާ ކަމެއް ކަމަށާއި، އަދި ޖުމްލަކޮށް ބަލައިރު އޭނާގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށާއި، ލިބުނު ޕޮއިންޓާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ޒާކާ ވަނީ، ހާސިލްކުރަން ބޭނުންވި ފުރަތަމަ އަމާޒަށް ވާސިލްވެވިއްޖެ ކަމަށް ވެސް ބުނެފައެވެ. މިހާރު ހުރިހާ ވިސްނުމެއް އޮތީ ދެވަނަ ބުރަށް ކަމަށާއި، އެ މެޗުގައި ވާދަކުރަންޖެހޭނެ ޓީމަށް ކަމަށް ޒާކާ ބުންޏެވެ. އަދި ޒާކާ ވަނީ، ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގިނަ ބަޔަކު އޭނާގެ ޓީމު (ސްވިޓްޒަލޭންޑަށް) ކޮންމެވެސް ވަރަކަށް އިހުތިރާމުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައެވެ.