ޚަބަރު

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވަރުގަދަ ވައިގެ ޙަމަލާތަކެއް ބަދަލުކޮށްފި


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވަރުގަދަ ވައިގެ ޙަމަލާތަކެއް ބަދަލުކޮށް, ގިނަ ޢަދަދެއްގެ ބަޔަކު މަރައިލައިފިއެވެ. ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދިން ޙަމަލާތަކުގައި ދެ މީހުން ޒަޚަމުވިއެވެ. މި ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ޑަޒަނެއްހާ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ޔޫކްރެއިނުން ބުންޏެވެ.

ކީވަށް ޙަމަލާ ދޭން ރަޝިޔާއިން ތިން މިސައިލް ބޭނުން ކޮށްފައިވާ ކަމަށާއި, އޭގެ ތެރެއިން ދެ މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. މި ޙަމަލާތަކުގައި ދެ މީހަކު ޒަޚަމުވެފައި ވަނީ, ދިފާޢުކޮށް ވައްޓައިލި މިސައިލްތަކުގެ ބައިތަކެއްގެ ސަބަބުންނެވެ.

ހަސްފަތާލުގައި އެޑްމިޓު ކޮށްގެން އެ ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމުގައި ކީވްގެ ސަރަޙައްދީ ސަރުކާރުގެ އިސް އޮފިޝަލެއް ކަމުގައިވާ ރުސްލާން ކްރާވްޗެންކޯ ވިދާޅުވިއެވެ. ރަޝިޔާގެ ޙަމަލާތަކުގައި ގެއްލުންވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި ޢާންމުން ދިރިއުޅޭ ހަ ޢިމާރާތަކާއި, 20 ގެއަކާއި, ޕެޓްރޯލް ސްޓޭޝަނެއްގެ އިތުރުން ފާމަސީއެއް ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކީވްގެ އިތުރުން ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް, ހަރްކިވަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ގައިޑެޑް ބޮން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށް ގެއްލުންވެ, ތިން މީހުން މަރުވިއެވެ. އަދި, އިތުރު 52 މީހުން ޒަޚަމުވިއެވެ. މި ޙަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ, ބޭރުގެ އަސްކަރީ އެހީ އިތުރު ކުރުމަށް ގޮވައިލައްވާފައެވެ.

ޔޫކްރެއިންގެ ފައުޖުތަކުން ވެސް ވަނީ ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އަސްކަރީ ޑްރޯން ބޭނުންކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރަޝިޔާގެ ދެކުނުގައި އޮންނަ ކްރަސްނަދަރަށެވެ. ކްރައިމިޔާގެ އިރުމަތިން އޮންނަ ކްރަސްނަދަރަށް ދިން ޙަމަލާތަކުގައި ރަޝިޔާގެ އަސްކަރިއްޔާގެ ހަތިޔާރު ގުދަނަކާއި, ތަމްރީނު މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މީގެ އިތުރުން, ކްރައިމިޔާގެ ސްވަސްތޯޕޮލަށް ޔޫކްރެއިންގެ ފައުޖުން ދީފައިވާ ޙަމަލާއެއްގައި ތިން މީހުން މަރުވި ކަމުގައި, އެ ސަރަޙައްދަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ފައުޖުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމުގައި ވެސް ކްރައިމިޔާގައި ވެރިކަން ކުރާ ރަޝިޔާގެ ސަރުކާރުން ބުންޏެވެ. ޔޫކްރެއިންގެ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.

ރަޝިޔާއާއި ޔޫކްރެއިނާ އިންވެގެން އޮތް ބިޔެލްގޮރޮދަށް ވެސް ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ބިޔެލްގޮރޮދުގެ ރަށެއް ކަމުގައިވާ ގްރައިވަރަނަށް ޔޫކްރެއިނުން ދިން ޙަމަލާތަކުގައި ޢާންމުންގެ އެކަކު މަރުވި ކަމުގައި ބިޔެލްގޮރޮދުގެ ގަވަރުނަރު ވިޗިސްލާފް ގްލަޑްކޮފް ވިދާޅުވިއެވެ. ރަޝިޔާގެ ބްރިޔަންސްކަށް ޙަމަލާ ދޭން ޔޫކްރެއިނުން ބޭނުން ކުރި 30 ޑްރީން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އަލެކްސާންދްރަ ބަގާމާސް ވިދާޅުވިއެވެ.

ޔޫކްރެއިނަށް އަރައި ރަޝިޔާގެ ފައުޖުތަކުން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން, ޔޫކްރެއިންގެ ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.