ޚަބަރު

އިހުތިޖާޖުގެ ސަބަބުން އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ އޮޕަރޭޝަން މެދުކެނޑިއްޖެ


  • މަސްވެރިންވަނީ އޮކޮމޮޑޭޝަން ބްލޮކްއިން ކަރަންޓު ކަނޑާލާފައި

  • މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓު ގެންނާނެކަމުގެ އިންޒާރުވަނީ ދީފައި

  • އިހުތިޖާޖުކުރަމުންދަނީ ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭތީ

މަސްވެރިންގެ އިހުތިޖާޖު ކުރިއަށްދާތީ އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކެނޑިފައިވާކަން މިފްކޯއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ބަނދަރުގައި މަސްވެރިން ދަނީ ހުކުރު ދުވަހުން ފެށިގެން އިހުތިޖާޖުކުރަމުންނެވެ. އަދި އެސަރަހައްދުގެ އަމަން ބެލެހެއްޓުމުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެހެންނަމަވެސް އިހުތިޖާޖަށް އެއްވެސް ހުރަސްއެޅުމަށް މިފްކޯއިން ނިންމާފައެއް ނުވެއެވެ. އަދި އިހުތިޖާޖު ކުރިއަށްދާނަމަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަން އަލުން ފެށޭނެ ވަގުތެއް ދަންނަވަން ދަތިކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

ހަވީރު 4ގެ ފަހުން ފިޝަރީޒް ކޮމްޕްލެކްސް އިން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓު ގެންނާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވާކަމަށް މިފްކޯއިން ވިދާޅުވިއެވެ.

މުވައްޒަފުންގެ ކެންޓީން ތަޅުލާފައި ވަނިކޮށް މަސްވެރިންގެ އިޙްތިޖާޖުގެ ތެރެއިން އެތަނުގެ ކުޑަދޮރުން ވަދެ އެތަނުގައި ހުރި ކާބޯތަކެތި ބޭނުންކޮށްފައި ކަމަށާއި އެކޮމޮޑޭޝަން ބްލޮކްއިން ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެންކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މަސްވެރިން އިހުތިޖާޖުކުރަމުންދަނީ މަސް ކިރުމަށްފަހު ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭތީއެވެ. އަދި މަސްވެރިންދަނީ ނުދެވި ހުރި ފައިސާ އަވަހަށް ދިނުމަށް ގޮވާލަމުންނެވެ. މިފްކޯއިން ބުނީ ފައިސާ ހަމަޖެއްސުމަށް ސަރުކާރާއި އެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށެވެ.

މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިޔުމަށް މިފްކޯއިންވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ދެރައެއްކަމަށް މިފްކޯއިން ފާހަގަކުރެއެވެ.

އަދި ކުންފުނީގެ މުވައްޒަފުންގެ ހައްގުގައި އެ ކުންފުނިން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާނެ ކަމަށް މިފްކޯއިންވަނީ ވިދާޅުވެފައިވެއެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ ހުރުމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މިފްކޯއަށް ގެއްލުންވާގޮތަށް މަސް ގަންނަ އަގުވަނީ 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާތެރޭގައިވެސް މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ބާކީ އަދި ނުދެވި ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އެބަހުރިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީފަހުން، މިވީ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް މިހާތަނަށް 881 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.