އިއްޔެ ފެނުނު ސޯމާލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ފަޅުރަށެއްކަމުގައިވާ ވަވައްޗަށް ސޯމާލިޔާގެ ބަޔަކު ޑިންގީއެއްގައި ލައްވީ އިއްޔެއެވެ. އެއީ 3 ފިރިހެނުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމީހުން ހޮޅުދޫއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ފޯރަކޮށްދީފައިކަމަށެވެ.
ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ވަވައްޗަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ.
މީގެކުރިންވެސް ސޯމާލިޔާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. ސޯމާލިޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކަނޑުފޭރުމުގެ ހާދިސާތަށް ގިނަ ނުރައްކާތެރި ހިސާބެކެވެ.