ޚަބަރު

މެޗުން ތިން ޕޮއިންޓް ލިބުމުން ވަރަށް ބޮޑަށް ލުއިވެއްޖެ: ޓެޑެސްކޯ


"
މެޗުގައި ލިބުނު ބައެއް ފުރުޞަތުތަކުގެ ބޭނުންނުހިފުނުނަމަވެސް މޮޅުވެ، ތިން ޕޮއިންޓް ލިބުމުން ވަރަށް ބޮޑަށް އޭނާ އަށް ލުއިވެއްޖެ،
ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި ރޭ ރުމޭނިއާ އަތުން 0-3 އިން މޮޅުވި މެޗަށްފަހު ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ވަނީ، މެޗުން މޮޅުވެ، ތިން ޕޮއިންޓް ލިބުމުން އޭނާ އަށް ވަރަށް ބޮޑަށް ލުއި ވެއްޖެ ކަމަށް ބުނެފައެވެ.

މެޗުގެ ތަންކޮޅެއް ކުރީބައިގައި ފުރުޞަތުތަކުގެ ބޭނުންހިފައި، ނިންމާލެވުނުނަމަ ވަރަށް ރަނގަޅުވާނެ ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ. އަދި މި ތިން ޕޮއިންޓް ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ޓީމުން ކުޅުނީ ސްލޮވާކިއާ މެޗުގައި ކުޅުނު ގޮތަށް ކަމަށާއި، ޓީލަމެންސް ހިމެނޭ ގޮތަށް މުޅި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށް ޓެޑެސްކޯ ބުންޏެވެ. އަދި މެޗުން ތިން ޕޮއިންޓް ލިބުމުން ވަރަށް އުފާވާ ކަމަށާއި، ހުރިހާ ފޯކަސްއެއް އޮތީ ދެން އޮތް މެޗަށް ކަމަށް ވެސް ޓެޑެސްކޯ ވަނީ ބުނެފައެވެ.

ރުމޭނިއާ ކުޅޭ ސްޓައިލްގެ ގޮތުން މެޗު ކޮންޓްރޯލް ކުރަން އެ ޓީމުން ބޭނުންވާ ކަމަށާއި، އެހެންވެ އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަނޫން ކަމަށް ވެސް ޓެޑެސްކޯ ފާހަގަކުރިއެވެ.

އެކަމަކު، އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު މެންޓަލިޓީއެއް ކަމަށާއި، އެކަމުގެ ސަބަބުން އެހީވި ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

ބެލްޖިއަމް އަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭތީވެ އެކަމާ ގުޅޭގޮތުން ޓެޑެސްކޯ ބުނީ، އޭނާގެ ޓީމަށް ލަނޑެއްޖެހުމަށް ގިނަ ފުރުޞަތުތައް ބޭނުންވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އޭނާގެ ޓީމަށް ރޭގެ މެޗުގައި އެކަނިވެސް ތިނެއް، ހަތަރެއް ނުވަތަ ފަސް ވަރަކަށް ލަނޑުޖެހެންދިޔަ ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

މެޗަށްފަހު ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޫން ބުނީ، މުބާރާތުގެ ފުރަތަމަ މެޗަށްފަހު ކަންބޮޑުނުވާ ކަމަށާއި، އެ މެޗުގައި ކުޅެވުނީ ގޯސްކޮށް ނޫން ކަމަށެވެ. އެ މެޗުގައި ބެލްޖިއަމް ޓީމަށް ބައެއް ގޯސްތައް ހެދިފައިވާ ކަމަށާއި، ފުރުޞަތުތައް ތަނަވަސްކުރިނަމަވެސް ގޯލެއް ކާމިޔާބުނުކުރެވުނީ ކަމަށް ވެސް ޑި ބްރޫން ބުންޏެވެ. އަދި، އޭނާގެ ޓީމުން ރުމޭނިއާ އާ ދެކޮޅަށް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، މެޗުން މޮޅުވުން ހައްގު ކަމަށް ވެސް ޑި ބްރޫން ވަނީ ބުނެފައެވެ.

މުބާރާތުގައި ބެލްޖިއަމަށް ދެން އޮތީ މި މަހުގެ 26 ވާ ބުދަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ކުޅޭ މެޗެވެ.