ޚަބަރު

ޙައްޖުން އެނބުރި އައުމަށްފަހު މިކަންކަމަށް ސަމާލުވޭ!


  • ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރަން ވާނެ

  • ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމު

  • ރޯގާޖެހި ކެއްސާ ނަމަ މީހުން އެއްވެއުޅޭތަންތަނަށް ނުދިއުމަށް އެދޭ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖާޖީން އެނބުރި އަންނައިރު ސިއްޙީގޮތުން ސަމާލުކަންދޭންވީކަންކަން ފާހަގަކޮށް، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.

މާހައުލު ބަދަލުވުމާއި ޓެމްޕަރޭޗަރގެ ސަބަބުން ޙައްޖުގެ އަޅުކަމަށްފަހު އަންނަ ގިނަ އަދަދެއްގެ މީހުންނަށް އަރިދަފުސް ރޯގާގެ އުނދަގޫ ކުރިމަތިވެއެވެ. އެހެންކަމުން ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ މީހުން ސަމާލުކަންދޭންވީ މުހިއްމު ކަންތައްތަކެއް ހުރެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ޙައްޖުން އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ސަމާލުކަންދިނުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ޙައްޖުވެރިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިސްކަންދޭން ވާނެކަމަށެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެޗްޕީއޭއިން ވިދާޅުވީ ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭނުމަކީވެސް މުހިއްމު ކަމެއްކަމަށެވެ.

މީގެ އިތުރުން ދަތުރުމަތީގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށާއި، ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެއުޅޭތަންތަނަށް ނުދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންކައިރިއަށް ގޮސް އެކުދިން އުރާނުހެދުމަށް ވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ.

ހުމާއި، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ

ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
އަރާމުކުރުން
ހުން ގަދަނަމަ ގައިގައި ފެން ހޭކުން
ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލަ ބޭނުން ނުކުރުން

މިއަހަރުގެ ޙައްޖުގެ އަަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 ދިވެހިން ސަޢުދީއަށް ދިޔައެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާއިންފެށިގެންނެވެ. ޙައްޖުވެރިން އަންނަން ހަމަޖެހިފައިވަނީ މާދަމާގެ އިތުރުން މިމަހުގެ 28 ވަނަ ދުވަހާއި އަންނަ މަހުގެ 1 ވަނަ ދުވަހުގެ އިތުރުން އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.