ޚަބަރު

ހިންމަފުށީ ރިމާންޑު ސެންޓަރުގައި ފުލުހުންގެ ސެކިއުރިޓީ އަލުން ފަށައިފި


  • މިކަން ފަށާފައިވަނީ ދާޚިލީ ވުޒާރާގެ އެދުމުގެ މަތިން

  • މަސްތުވާތަކެއްޗަށް ފަރުވާ ދޭ 10 ސެންޓަރެއް ރާއްޖޭގައި ދަނީ ހިންގަމުން

  • އިތުރު 3 ސެންޓަރު ޤާއިމްކުރުމަށް ސަރުކާރުންވަނީ ނިންމަވާފައި

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންމަފުށީގައި ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ޤާއިމްކޮށްފައިވާ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރު އަލުން ހުޅުވައިފިއެވެ. މިސެންޓަރު އަލުން ހުޅުވާފައިވާއިރު އެތަނުގައި ފުލުހުންވަނީ ސެކިއުރިޓީވެސް ދޭން ފަަށާފައެވެ.

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު، ފުލުހުން ސެކިއުރިޓީ ބަލަހައްޓާގޮތަށް ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އެންޑީއޭއިން އަލުން ހިންގަން ފަށާފައިވާކަމަށެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރަނގަޅުވާން އެދިފައިވާ 7 މީހަކު މިނިމުނު ހަފްތާތެރޭގައި އެންޑީއޭއާ ހަވާލުކޮށްފައިވާކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރަނގަޅުވާން ބޭނުންވާ ފަރާތްތަކަށް ފަރުވާދިނުމަށް
މިވަގުތު ރާއްޖޭގައި އެކި ސަރަހައްދުތަކުގައި 10 ސެންޓަރެއް ދަނީ ހިންގަމުންނެއެވެ. އަދި އިތުރު ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ ސެންޓަރުތައް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މިސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ކ. ކާށިދޫ އާއި ނ. ވެލިދޫ އާއި ލ. އަތޮޅުގައެވެ.