އަންނަ މަހުން ފެށިގެން އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީ ގޮތެއްގައި ޕެރިޝަބަލް މުދާ ގެންނަން ފާށާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، އެއިންތިޒާމު ހަމަޖައްސާފައިވަނީ އެމްޕީއެލްއާއި ހިތަދޫ ޕޯޓް ލިމިޓެޑްއާއި ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ފަށާއިރު، ޚިދުމަތް ދޭނީ ރާއްޖޭއަށް އެންމެ ގިނައިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެކުރާ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށެވެ.
އެމްޕީއެލްއިން ބުނީ ކުރިން އެ ޚިދުމަތް ދެމުން އައި ލަކުޑި ބޯޓުތަކުގައި ކަމަށްވުމުން ޚިދުމަތް ދެވެނީ އަހަރުގެ ވަކި ދުވަސްތަކެއްގައި ކަމަށެވެ. އެހެން ވުމުގެ ސަބަބުން އަހަރުގެ ބާކީ ދުވަސްތަކުގައި މުދާ ގެންނަނީ މާލެއިން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެހެންނަމަވެސް ޖުލައި މަހުން ފެށިގެން ދަގަނޑު ބޯޓުތަކުގައި އެ ޚިދުމަތްދޭން ފެށުމުން މުޅި އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް މެދުކެނޑުމެން ނެތި ޚިދުމަތް ދެވޭނެ ކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ. އަދި މިދަތުރުތައް ފަށަނީ ކޮންމެ 10 ދުވަހާއި 15 ދުވަހަކުން އައްޑޫއަށް ބޯޓެއް ދަތުރުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އާއްމު ގޮތެއްގައި އެ ބޯޓުތަކުގައި ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީ ބާވަތް ތަކާއި، މޭވާގެ ބާވަތްތަކެވެ. މީގެ އިތުރުން އައްޑޫ ސިޓީ ގެ ރައްޔިތުން، އިންޑިއާ އިން ގެންދަން ބޭނުން ވާ، ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯގެ ބާވަތްތައް މި ބޯޓުތަކުގައި ގެންދެވޭނެ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.
އައްޑޫއަށް އިންޑިއާއިން ދާއިމީ ގޮތަކަށް ޕެރިޝަބަލް މުދާ އެތެރެކުރެވޭ ގޮތް ހަދާފައިވާއިރު، ޤައުމީ ޝިޕިންގް ކުންފުނި އެމްއެސްއެސްއިން ދަނީ އައްޑޫއާއި މާލެ ދޭތެރޭ ޕެރިޝަބަލް މުދާ ހިމެނޭހެން މުދާ އުފުލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމްއެސްއެސްގެ އޮޕަރޭޝަންގެ ތެރެއިން ރާއްޖެއިން ބޭރުން މާލެ މުދާ ގެނެސް އައްޑޫއަށް މުދާ ގެނެއެވެ.