ޚަބަރު

އަމަން ޤާއިމްކުރަން އަޅާ ފިޔަވަޅުތަކަށް މަސްވެރިން އެއްބާރުލުން ދިނުމަށް ފުލުހުން އެދިއްޖެ


  • އިޙުތިޖާޖުކުރަމުންދަނީ ކިރާ މަހަށް ފައިސާ ލިބުން ލަސްވާތީ

  • މަސްވެރިން އާއްމު މަސްލަހަތު އިސްކުރުމަށް ފުލުހުން އެދިލެއްވި

މަސްވެރިން އައްޑޫ ސީޓީގައި ކުރަމުންދާ އިޙުތިޖާޖު، ސުލްޙަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފުލުހުންގެ ޚިދުމަތުން ދެމުންދާކަމަށާއި، މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުން ދީ، ޤާނުނާ ޤަވާއިދާ ޚިލާފު ޢަމަލެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި މަސްވެރިން އިޙުތިޖާޖުކުރަމުންދަނީ، މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ލަސްވަމުންދާތީކަމަށްބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ މި އިޙުތިޖާޖާއި ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު، އޮޕަރޭޝަންތައް އަލުން ފެށޭނެ މާޙައުލެއް އުފެއްދުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުންދާކަމަށެވެ.

އެހެންކަމުން ފުލުހުން އަމަން ޤާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ޤާނޫނާއި ޤަވައިދާ ޚިލާފު ޢަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން ދިވެހި ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވިދާޅުވީ އިޙުތިޖާޖުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާ ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ ޤަވައިދުތަކުގެ ހުދޫދުގެ ތެރެއިން، މަސްވެރިންގެ ކަންވޮޑުވުންތަކާ ޝުޢޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ޤާއިމުކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށެވެ.

މިގޮތަށް ކުރިއަށްގެންދާ އިޙުތިޖާޖުތަކުގައި ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާއްމު މައްސަލަހަތު އިސްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.