ޚަބަރު

ވިނަރެސް ފްލެޓަށް ކުރިމަތިލާން ހުޅުވާލިކަމަށް ބުނެ ސްކޭމް ލިންކެއް، ސަމާލުވޭ!


  • ސްކޭމްއިން ފައިސާ ހޯދުން ދަނީ އިތުރުވަމުން

  • މެސެޖުގައި ބުނެފައިވަނީ ވިނަރެސްއަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭކަމަށް

  • ލިންކަން ވަނުމުން ފޭސްބުކް އަދި އިންސްޓަގްރާމް ހެކްވޭ

ވިނަރެސް ފްލެޓަކުން މިހާތަނަށް ދޫކޮށްފައި ނުވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ބުނެ ފޮނުވަމުންދާ މެސެޖުތަކަކީ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޮނުވަމުންދާ ސްކޭމް މެސެޖުތަކެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ލިންކާއެކު ފޯނުތަކަށް ފޮނުވަމުންދާ ސްކޭމް މެސެޖުގައި ބުނެފައިވަނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލާފައިވާކަމަށެވެ. އަދި އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ، މެސެޖާއެކު ލިންކެން ހިމަނާފައިވެއެވެ.

ފުލުހުން ވިދާޅުވީ މި މެސެޖަކީ އެޗްޑީސީގެ މެސެޖެއް ނުވަތަ އެއްވެސް ކަމާގުޅުންހުރި އިދާރާއެއްގެ މެސެޖެން ނޫންކަމަށެވެ. އަދި އެ ސްކޭމް ލިންކް މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް، ފްރެންޑް ލިސްޓުގައި ހިމެނޭ މީހުން އަތުން ފައިސާ ހޯދަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިފަދަ ލިންކްތަކަށް ސަމާލުވުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ގޮތް ނޭންގޭ މެސެޖުތަކާ އަދި ކޯލްތައް ކޮށްގެން ފައިސާ ހޯދާ މީހުންނާ މެދު ސަމާލުވެ، އެކަންކަމަށް އިޖާބަ ނުދިނުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.

މީގެއިތުރުންވެސް އޮންލައިން ޕޭޖުތައް ހަދައި، އެކި ބާވާތުގެ ސާމާނު ވިއްކުމުގެ ނަމުގައިވެސް އޮޅުވާލައިގެން ދަނީ ފައިސާ ފޭރެމުންނެވެ. އޮންލައިންކޮށް ކުރާ މުޢާމަލާތްތަކުގައިވެސް، އެއީ އަސްލު ވިޔަފާރިއެއްތޯ ކަށަވަރު ނުކޮށް އެފަދަ ޕޭޖުތަކަށް އިތުބާރުކޮށްގެން ފައިސާ ނުފޮނުވުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.
މިފަދަ މައްސަލަތަކުގައި މީހުންގެ އެކައުންޓްތަކުން ލައްކައިން ފައިސާ ނަގާފައިވާ މައްސަލަތައްވެސް ފުލުހުން ދަނި ތަޙުޤީޤުކުރަމުންނެވެ. އަދި މިގޮތަށް ސްކޭމްތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީވެސް، އުނދަގޫ މަސައްކަތެކެވެ.